ލަންކާގައި މުސްލިމުންގެ ކައިވެންޏާ ބެހޭ ގާނޫނު އިސްލާހުކުރަނީ
ލަންކާގައި މުސްލިމުންގެ ކައިވެންޏާ ބެހޭ ގާނޫނު އިސްލާހުކުރަނީ

ސްރީ ލަންކާގައި މުސްލިމުންގެ ކައިވެންޏާ ބެހޭ ގާނޫނު އިސްލާހުކޮށް، އުމުރުން 18 އަހަރު ވުމުގެ ކުރިން ކައިވެނިކުރުން މަނާކުރަން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ ވިދާޅުވެއްޖެ އެވެ.

ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި ރަނިލް ވިދާޅުވީ ބޮމުގެ ހަމަލާތަކަށް ފަހު ކަންކަން އިސްލާހުކުރުމުގެ ތެރޭގައި، ކައިވެންޏާ ބެހޭ ކަންކަމަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ. އޭރުން ހުރިހާ ދީނެއްގެ މީހުންނަށް ހަމަހަމަ އުސޫލަކުން ގާނޫނީ ގޮތުން އަމަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން ކުރުމަށް އެކި ދީންތަކާއި ނަސްލުތަކަށް ގާނޫނުގައި ހުރި ތަފާތުތައް ނައްތާލާއިރު، އެންމެ ފުރަތަމަ ބަދަލުކުރާނީ މުސްލިމުންގެ ވަރި އާއި ކައިވެންޏާ ބެހޭ ގާނޫނު ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި އެހެން ގާނޫނުތަކުން ވެސް މި ހަމަހަމަކަން ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމީ ސްކޫލްތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މުސްލިމުންނަށް ކައިވެނިކުރެވޭ އުމުރު 18 އަހަރުން މައްޗަށް ހަމަޖެއްސުމަށް ހުށަހެޅީ ލަންކާގެ "މުސްލިމް ވިމެން" ޖަމިއްޔާއިންނެވެ.

ޑިޕްލޮމެޓުންނާ އެކު ބޮޑުވަޒީރު އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ސިފައިންނާއި ފުލުހުން ވަނީ ސަލާމަތީ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދީފަ އެވެ. ސަލާމަތީ އޮފިޝަލުން ވިދާޅުވީ ހަމަލާ ރާވައި އެކަމުގައި ބައިވެރިވި ނެޓްވޯކް ރޫޅާލެވިފައިވާ ކަމަށެވެ. އެހެންވެ މިހާރު ލަންކާ އަމާން ކަމަށާއި ލަންކާ އަށް ދަތުރު ނުކުރަން ލަފާ ދީ ނެރުނު އެޑްވައިޒަރީތައް ނެގުމަށް ލަންކާ ސަރުކާރުން އިއްޔެ ވަނީ އެދިފަ އެވެ.