25 މެއި 2019 - 14:32

އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަހުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު ކުރީކޮޅު ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެ ދަތުރާ ބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ
މިއީ މޯދީ ރާއްޖެއަށް ކުރައްވާ ދެ ވަނަ ދަތުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް ރާއްޖެ ވަޑައިގަތެވެ. އެކަމަކު އެ ފަހަރު ކުރެއްވީ ވަރަށް ކުރު ދަތުރުފުޅެކެވެ.
ރައީސް ހުވާކުރެއްވި ދުވަހު ރާއްޖެ ވަޑައިގަތުމަށް ފަހު، ހުވާ ކުރެއްވި ރަސްމިއްޔާތު ނިންމަވާލެއްވުމާ އެކު މޯދީ ހަމަ އެރޭ އެނބުރިވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވި ނަމަވެސް، ވަޑައިގެންފައެއް ނުވެ އެވެ.
ބޮޑު އަޣުލަބިއްޔަތަކުން މޯދީ ނިސްބަތްވާ ބީޖޭޕީ އިން އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބު ކުރުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މޯދީއަށް މަރުހަބާ ދަންނަވައިފަ އެވެ.
މޯދީ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށެވެ.