26 މެއި 2019 - 08:28

އެެމެރިކާގެ ނިއު ޔޯކުން ލަންޑަށް ވައިގެ މަގުން ކުރާ ދަތުރުތަކަށް މިހާރު އާންމުކޮށް 7 ގަޑިއިރު ހޭދަވެ އެވެ. އެކަމަކު މި ދަތުރު އެންމެ 90 މިނިޓަށް ނުވަތަ ދޮޅުގަޑި އިރަށް ކުރުކޮށްލެވޭނެ މަޝްރޫއެއް އެެމެރިކާގެ ސްޓާޓަޕަކުން ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އެޓްލާންޓާގެ ހާމިއެސް ކޯޕަރޭޝަނުންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަޑަށް ވުރެ ބާރަށް ދަތުރު ކުރެވޭ ގޮތަށް ފަރުމާކުރާ މަތިންދާބޯޓާ އެކު ނިއު ޔޯކުން ލަންޑަނަށް ވައިގެ މަގުން ކުރާ ދަތުރު 90 މިނިޓަށް ކުރުކޮށްލެވުމަކީ މާ ގިނަ ދުވަހެއް ނުވެ ހާސިލު ކުރެވިދާނެ ކަމެކެވެ.
މިކަމަށް ތައްޔާރުކުރާ ހައިޕަސޮނިކްގެ ނަކަލެއް ވެސް މިހާރު އެ ކުންފުނިން ވަނީ ދައްކާލައިފަ އެވެ. ހާމިއެސް އިން ބުނި ގޮތުގައި މި ޖެޓްގެ މަޝްއޫރަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫއު ހަގީގަތަކަށް ހަދަން ނަގާނެ ކަމަށް ލަފާކޮށްފައި ވަނީ 10 އަހަރެވެ.
ހާމިއެސްގެ އަމާޒަކީ 4،600 މޭލަށް އުދުމުގެ ގާބިލުކަން ލިބިގެންވާ ނުވަތަ ގަޑިއަކު 3،300 މޭލަށް އުދުހުމުގެ ގާބިލުކަން ހައިޕަސޮނިކް ޖެޓަށް ގެނައުމެވެ.
"މިއީ ނުވާނެ ކަމެއް ނޫން. އަދި މިކަން ކުރެވިއްޖެ ނަމަ މިއީ ވައިގެ ދަތުރުފަތުރަށް އިންގިލާބެއް ވެސް ގެނުވާނެ ކަމެއް،" ހާމިއެސްގެ އެއް ބާނީ އަދި ސީއީއޯ އޭޖޭ ޕިޕްލިކާ އެ ކުންފުނީގެ ވެބްސައިޓްގައި ވިދާޅުވި އެވެ.
ނަމަވެސް މި ޕްރޮޖެކްޓަކީ ގޮންޖެހުންތަކެއް ވެސް ހުރި ކަމެކެވެ. އެންމެ ބޮޑު އެއް ކަމަކީ އެހާ ބާރު ސްޕީޑް އުޅަނދެއް އޮޕަރޭޓް ކުރަން ބޭނުން ކުރާ ހަކަތައިގެ ސަބަބުން ތިމާވެއްޓާ ކުރިމަތިވާދެނާ މައްސަލަތަކެއް ވެސް ހުރުމެވެ. އެހެންވެ ހާމިއެސް އިން ހައިޕަސޮނިކް އުޅަނދު ވުޖޫދަށް ގެންނަން ބޭނުން ވަނީ ކުރިމަތިވެދާނެ ހުރިހާ ނުރަނގަޅު ކަންތައްތަކަށް ވެސް ވިސްނައިގެންނެވެ.
"ހަމައެއާ އެކު މިދަދަ ހިދުމަތަކީ މާކެޓް އޮންނާނެ ކަމެއް. އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް،" އޭޖޭ ވިދާޅުވި އެވެ. "އަހަރެމެންގެ ޓާގެޓަކީ ފުރަތަމަ މަރުހަލާގައި ދެ ޖެޓް ހަދައި ޓެސްޓްކޮށް ބޭނުން ކުރުން."
އޭނާ ވިދާޅުވާ ގޮތުން ހައިޕަސޮނިކް ޖެޓުން ނިއު ޔޯކުން ލަންޑަނަށް ދާން ކުރާ ދަތުރަކަށް ކޮޅަކަށް ނަގާ އަގު 3،000 ޑޮލަރަށް ވުރެ ބޮޑެއް ނުވާނެ އެވެ.
ހާމިއެސްއަކީ ހައިޕަސޮނިކް ޖެޓް ވުޖޫދަށް ގެންނަން ފޫގެޅި ފުރަތަމަ ކުންފުންޏެއް ނޫނެވެ. މިދިޔަ އަހަރު ބޮއިން ވެސް ވަނީ މިފަދަ މަޝްރޫއެއް އިއުލާންކޮށްފަ އެވެ. އަދި އެމެރިކާގެ ލޮކްހީޑް މާޓިން އާއި އެއިރޯން ކޯޕަރޭޝަނުން ވެސް އަންނަނީ މި މަސައްކަތް ކުރަމުންނެވެ.