ފީވަކުގެ ކަރަންޓު މައްސަލަ- ހާރުގަޑި ޖެހެންދެން ރައްޔިތުން ތިބީ އިހުތިޖާޖުގައި
ފީވަކުގެ ކަރަންޓު މައްސަލަ- ހާރުގަޑި ޖެހެންދެން ރައްޔިތުން ތިބީ އިހުތިޖާޖުގައި

ށ. ފީވަކުގައި ދޭތެރެދޭތެރެއިން ކަރަންޓު ކެނޑެމުންދާ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ، އެ ރަށުގެ ރައްޔިތުން ހާރުކާގަޑި ޖެހެންދެން ރޭ ހޭދަކުރީ އިންޖީނުގޭ ސަރަހައްދުގައި އިހުތިޖާޖުގަ އެވެ.

ފީވަކުގެ ކަރަންޓު މައްސަލަ- ހާރުގަޑި ޖެހެންދެން ރައްޔިތުން ތިބީ އިހުތިޖާޖުގައި
ފީވަކުގެ ކަރަންޓު މައްސަލަ- ހާރުގަޑި ޖެހެންދެން ރައްޔިތުން ތިބީ އިހުތިޖާޖުގައި

ކައުންސިލްގެ ރައީސް ހަސަން ޝުޖާއު މިއަދު ވިދާޅުވީ، ރޭގެ 11:30 ން ފެށިގެން 3:30 ވަންދެން ރަށުގައި ކަރަންޓު ނެތުމުން 200 އެއްހާ މީހުން އިހުތިޖާޖަށް ނުކުތީ ކަމަށެވެ. ރައްޔިތުން އިހުތިޖާޖު ހުއްޓާލައި ހާރުކާން ގެ އަށް ވަނީ 3:30 ގައި ކަރަންޓު ދޫކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާއިރު ކަރަންޓު ދޭން ފެށިޔަސް އަދި މައްސަލަ ހައްލުވީއެއް ނޫން. ކުރިއެކޭ އެއްގޮތަށް ކޮންމެ ދެ ގަޑިއިރަކުން ނުވަތަ ގަޑިއިރަކުން ކަރަންޓު ކެނޑެމުން ދަނީ. ތިން އިންޖީނަށް ވެސް ހިފަހައްޓާ ނުލެވިގެން ކަރަންޓު ކެނޑެނީ. މިކަމުގައި ހައްލެއް ނުލިބިގެން ރައްޔިތުން ތެޅޭތާ ތިން މަހެއްހާ ދުވަސް ވެއްޖެ،" ޝުޖާއު ވިދާޅުވި އެވެ.

އާބާދީގައި 1،125 މީހުން އުޅޭ ފީވަކަށް ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ދެނީ 128 ކޭވީގެ ދެ ޖަނަރޭޓަރާއި 166 ކޭވީގެ އެއް ޖަނެރޭޓަރު ބޭނުން ކޮށްގެންނެވެ. އެކަމަކު، އޭގެ ތެރެއިން އެއް ޖަނެރޭޓަރު ހަލާކުވެފައި ހުރުމުގެ ސަބަބުން އަނެއް ދެ ޖަނެރޭޓަރުން ވެސް ރަށަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުލިބެނީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"...ދެން އިންޖީނުގެ އިން ބުނަނީ ޓީމެއް އައިސް މައްސަލަ ހައްލު ކުރާނެއޭ. މިއީ ޓީމެއް އައިސްގެން ހައްލު ވާނެ ކަމެއް ކަމަކަށް ނުބެލެވޭ. ކުޅުދުއްފުށިން ވެސް ޓީމެއް އައިސް މައްސަލަ ބަލާފައި އެ ދިޔައީ. އެއީ ކުޅުދުއްފުށީގައި ވެސް ހުރި އެންމެ މޮޅު ޓެކްނީޝަން ކަމަށް ވަނީ. އެކަމަކު ހައްލު ނުކުރެވިގެން އެ ދިޔައީ. އާ ޖަނެރޭޓަރު ބަހައްޓައިގެން ހައްލު ލިބެން އޮތީ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރަން ފީވަކަށް 60 ދުވަހުގެ ތެރޭގައި އާ ޖަނެރޭޓަރު ގެންދާނެ ކަމަށް ފެނަކަ އިން ބުނެފައިވީ ނަމަވެސް އެކަމެއް ނުވެ އެވެ.

"މިހާރު 90 ދުވަސް ވީ. ހައްލެއް ނެތް. ކޮންމެ ދެ ގަޑިއިރަކު ކާ ބޭހެއް ހެން ރަށުން ކަރަންޓު އެބަކެނޑޭ. ރައްޔިތުންގެ މުދަލަށް އޭގެ ސަބަބުން ގެއްލުން އެބަވޭ. ދޮންނަ މެޝިނާއި އޭސީ އާއި ފްރިޖު ފަދަ ކަރަންޓު ސާމާނު ދަނީ ހަލާކުވަމުން. ކިތަންމެ ގެ އެއްގެ ކަރަންޓު ސާމާނު ހަލާކުވެއްޖެ،" އަމިއްލަ ތިން މެމްބަރުން ހިމެނޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ރޯދަ މަސް ފެށުނު ފަހުން ކަރަންޓު ކެނޑޭ ވަގުތުތައް ގިނަ ވުމުން ފީވަކުގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އޭގެ ނަތީޖާ އަކީ ރައްޔިތުންގެ ކެތްރެރިކަން ކޮޅުން ލައިގެން ދިއުން. ފެނަކައިގެ އެމްޑީ ފޯނަށް ޖަވާބު ދެއްވަނީކީއެއް ނޫން،" ޝުޖާއު ވިދާޅުވި އެވެ.