27 މެއި 2019 - 08:40

އެންބީސީން ގެނެސްދޭ ލަވަ ޝޯ "ދަ ވޮއިސް" ދައްކަން ފެށީއްސުރެ، ފާއިތުވި 16 ސީޒަނުގައި ކޯޗެއްގެ ގޮތުގައި ހިއްސާވި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑަމް ލިވީން ޝޯ އަށް އަލްވަދާއު ކިޔައިފަ އެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި "ދަ ވޮއިސް" ގެ 17 ވަނަ އެޑިޝަން ފަށަން ތައްޔާރުވަމުން އަންނަނިކޮށް، މަޝްހޫރު ބޭންޑް "މެރޫން-5" ގެ ލީޑް ވޯކަލިސްޓް ޝޯ ދޫކޮށްލުންވެގެން ދާނީ ޔަގީނުން ވެސް އެ ޝޯ ފޮލޯ ކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސް ކަމަކަށް ވާނެ އެވެ.
ނަމަވެސް 40 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ "ދަ ވޮއިސް" ދޫކޮށްލަން ނިންމި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް، އޭނާއާ އެކު މަސައްކަތް ކުރި ޓީމަށް ޝުކުރު އަދާކޮށްފަ އެވެ. އަށް އަހަރު ޝޯގައި މަސައްކަތް ކުރުމަށް ފަހު އެޑަމް ޝޯ ދޫކޮށްލުމުން އޭނާގެ ބަދަލުގައި "ދަ ވޮއިސް" ގެ ހަތަރު ވަނަ ކޯޗްގެ ގޮނޑި ހޫނު ކުރާނީ ޝޯގެ 14 އާއި 15 ވަނަ އެޑިޝަނުގައި ވެސް ހިއްސާވި ގްވެން ސްޓެފެނީ އެވެ.
ޝޯގެ ހަތަރު ކޯޗުން ތިބޭ އިރު، އަނެއް ތިން ކޯޗުންނަކީ ޖޯން ލެޖެންޑް، ކެލީ ކްލާކްސަން އަދި ބްލޭކް ޝެލްޓަން އެވެ.
ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި "ދަ ވޮއިސް" ކޯޗްކަންކޮށްފައިވާ ފަންނާނުންގެ ތެރޭގައި ޝަކީރާ، އަޝާ، ކްރިސްޓީނާ އެގިއުލޭރާ، މައިލީ ސައިރަސް، ޖެނިފާ ހަޑްސަން އަދި ފެރެލް ވިލިއަމްސް ހިމެނެ އެވެ.