05 ސެޕްޓެމްބަރ 2016 - 09:26

ޓަނާވާ، ސްލޮވާކިއާ (ސެޕްޓެމްބަރު 5) - މެޗުގެ އިތުރު ވަގުތުގައި އެޑަމް ލަލާނާ ޖެހި ލަނޑުން 1-0 އިން ސްލޮވާކިއާ ބަލިކޮށް ސޭމް އެލަޑައިސްގެ ކޯޗުކަމުގައި އިންގްލެންޑު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މި މެޗުން އިންގްލެންޑު މޮޅުވުމުން އެލަޑައިސް ވެފައިވަނީ 1982 ވަނަ އަހަރަށް ފަހު އިންގްލެންޑާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން މޮޅުވި ފުރަތަމަ ކޯޗަށެވެ.
ރޭގެ މެޗުގައި ސްލޮވާކިއާ އަށް އެންމެ ބޮޑު އުނދަގުލެއް ދިމާވީ މެޗުގެ 57 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މާޓިން ސްކާޓެލް އަށް ރަތް ކާޑު ދެއްކުމުންނެވެ. ސްކާޓެލް އަށް ރަތް ކާޑު ދެއްކީ އިންގްލެންޑުގެ ހެރީ ކޭން އަށް ފައުލުކުރުމުންނެވެ.
ލަލާނާ އިންގްލެންޑު މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅުގެތެރޭގަ އެވެ. މިއީ ލަލާނާ އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
"މިއީ އަހަރެމެންނަށް ހައްގު މޮޅެއް. ސްލޮވާކިއާ އިން އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ވަރަށް މޮޅަށް ކުޅުނު. އިންގްލެންޑަށް ކުރިން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ރަށުން ބޭރުގައި ނަތީޖާ ނުނެރެވުން. އެކަމަކު އަހަރެންގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި މި ވަނީ މޮޅުވެފައި. މިއީ ވަރަށް ރަނގަޅު ފެށުމެއް،" ރޭގެ މެޗަށް ފަހު އެލަޑައިސް ބުންޏެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޖަރުމަން ވަނީ 3-0 އިން ނޯވޭ ބަލިކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ތޯމަސް މުލާ އެވެ. އަނެއް ލަނޑު ޖެހީ ޖޯޝުއާ ކިމިޗް އެވެ. ޕޮލެންޑާއި ކަޒަކްސްތާން 2-2 އިން އެއްވަރުވިއިރު، ޑެންމާކް ވަނީ 1-0 އިން އާރްމީނިއާ ބަލިކޮށްފަ އެވެ.