ކެޓްރީނާ ކެއިފް ކޮސްމެޓިކް ލައިނެއް ލޯންޗުކުރަނީ
ކެޓްރީނާ ކެއިފް ކޮސްމެޓިކް ލައިނެއް ލޯންޗުކުރަނީ

ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ ފިލްމު ކުޅުމުގެ އިތުރަށް އެކި ވިޔަފާރި ވެސް ކުރަމުން އަންނަ ބައެކެވެ. އެގޮތުން ގިނަ ބަތަލާ އިން ފާހަގަކުރެވެނީ ފެޝަން ލައިންތައް ލޯންޗްކޮށްގެން، އެ މީހުންގެ ސްޓައިލިޝްކަން އިތުރަށް ޕްރޮމޯޓްކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގަ އެވެ.

ބަތަލާ ކެޓްރީނާ ކެއިފް ވެސް މިހާރު އަންނަނީ އަމިއްލަ ވިޔަފާރިއެއް ފަށަން ތައްޔާރުވަމުންނެވެ. އޭނާ ނުކުންނަނީ ރީތިވާން ބޭނުންވާ ސާމާނާ އެކު އަމިއްލަ ކޮސްމެޓިކް ލައިނަކާ އެކީގަ އެވެ.

އަންނަ މަހު ރިލީޒްކުރާ ފިލްމު "ބާރަތު" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެކަން ކަށަވަރުކޮށް ދެމުން 35 އަހަރުގެ ބަތަލާ ބުނީ ކޮސްމެޓިކް ލައިނެއް ލޯންޗް ކުރަން މަސައްކަތްކުރާތާ ދެ އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ގިނަ ގިނަ ދުވަހުގެ މަސައްކަތް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރީތި ބަތަލާ ބުންޏެވެ. "މި އަހަރުގެ އޮކްޓޯބަރު ހިސާބުގައި ކޮސްމެޓިކް ލައިން ލޯންޗް ކުރެވޭތޯ މި ބަލަނީ. އަހަރެން ވަރަށް އުފަލުން މި ހުރީ އެކަމާ."

ބޮލީވުޑްގެ އެއްވެސް ބަތަލާއަކު މިހާތަނަށް އަމިއްލަ ކޮސްމެޓިކް ލައިނެއް ލޯންޗެއް ނުކުރެ އެވެ.

އެހެންވެ ކެޓްރީނާ ވާނީ އަމިއްލަ ކޮސްމެޓިކް ލައިން ލޯންޗްކޮށްފައިވާ މެޑޯނާ އާއި ކައިލީ ޖެނާ، ޖެނިފާ ލޮޕޭޒް، ވިކްޓޯރިއާ ބެކަމް އަދި ރިއާނާ ފަދަ އިންޓަނެޝަނަލް ސެލެބްރިޓީންގެ ލިސްޓުން ޖާގަ ހޯދާނެ ތަރިއަކަށެވެ.