24 މެއި 2019 - 15:22

ވިޔަފާރިކުރުމަށް ފައިސާ ބޭނުންވާ ކުންފުނިތައް ދެނެގަތުމަށް ކެޕިޓަލް ނީޑްސް އެސެސްމެންޓް ސާވޭއެއް ހަދައިދޭނެ ބަޔަކު ހޯދަން ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިއުލާން ކޮށްފި އެވެ.
ސީއެމްޑިއޭ އިން ބުނީ މި ސާވޭގައި، ރާއްޖޭގައި ހިންގާ ކުންފުނި ތަކުގެ ތެރެއިން ވިޔަފާރި ކުރުމަށް ފައިސާ ބޭނުންވާ ކުންފުނިތައް އެނގޭނެ ކަމަށެވެ. މީގެ އިތުރުން ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ވެސް ދެނެގަނެވޭނެ ކަމަށް ބުންޏެވެ.
ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ސާވޭ ހަދައިދޭން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11:30ގެ ކުރިން އެ އޮތޯރިޓީއަށް ބިޑް ހުށަހަޅަން ޖެހޭނެ އެވެ.
ސީއެމްޑީއޭ އިން ބުނީ މި ސާވޭގެ ސަބަބުން، މިހާރު ވިޔަފާރީގެ މާކެޓުު އޮތް ގޮތް ދެނެގަނެވި މާކެޓް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަނެވޭނެ އެވެ.