މިއީ ފެށުމެއް، ފަހުރުވެރި ކާމިޔާބެއް ހޯދޭނެ: ގައްބެ
މިއީ ފެށުމެއް، ފަހުރުވެރި ކާމިޔާބެއް ހޯދޭނެ: ގައްބެ

ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ކޭވަން ކެޓަގަރީން ދުނިޔޭގެ 23 ވަނަ ލިބުމަކީ އަދި ފެށުމެއް ކަމަށާއި މުސްތަގުބަލުގައި މިފަދަ މުބާރާތްތަކުގައި ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރާއްޖެ ޓީމުގެ ސެއިލަރު އަބްދުލް ގަފޫރު އަަލީ (ގައްބެ) ބުނެފި އެވެ.

މިއީ ފެށުމެއް، ފަހުރުވެރި ކާމިޔާބެއް ހޯދޭނެ: ގައްބެ
މިއީ ފެށުމެއް، ފަހުރުވެރި ކާމިޔާބެއް ހޯދޭނެ: ގައްބެ

ގައްބެ ބުނީ ދުނިޔޭގެ ފެންވަރު ރަނގަޅު ސެއިލަރުންނާ އެކު މި ފަދަ މުބާރާތެއްގައި ވާދަކޮށްލެވުމުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ.

"ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. އެޑަމް އާއި ގައްބެއާ ހިޔާލުކުރަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ދެން އޮތް ވޯލްޑް ޗެމްޕިއަންޝިޕަށް ދާން. ދެ އަހަރު ފަހުން އަނެއްކާވެސް ވޯލްޑް ކަޕަށް އެބައޮތް. އުއްމީދަކީ ގައުމީ ސަލާމް ކިޔޭވަރުގެ ރީތި ނަމެއް ރާއްޖެ އަށް ހޯދައިދިނުން،" ގައްބެ ބުންޏެވެ.

ރާއްޖޭގެ ސެއިިލިން ޓީމުން ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. ރާއްޖޭން މިފަހަރު ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވީ ޓޮޕްކެޓުން ދިން ދައުވަތެއްގަ އެވެ. ގައްބެ ބުނީ މި މުބާރާތުގައި ފުރަތަމަ ފަހަރަަށް ބައިވެރިވެ، ގައްބެ އާއި އެޑަމްގެ ފަރާތުން ފެނުނު ކުރިއެރުމަށް އެހެން ސެއިލަރުން ތައުރީފް ކުރިކަމަށެވެ.

"ސެއިލަރުން ވަރަށް ރަނގަޅު އަސްލު. ދުނިޔޭގެ ޗެމްޕިއަނުން ގާތުން ވެސް ހީޓްތަކުގެ ކުރީކޮޅު އެއްޗެއް އަހާލިޔަސް ބުނެދޭނެ. ފުރަތަމަ ފަހަރު ވާދަކޮށް ގައްބެ އާއި އެޑަމް ހޯދި ކާމިޔާބީ އެންމެން ވެސް ފާހަގަކުރި. ތައުރީފް ވެސް ކުރި. އަސްލު ޓީމު ވަރަށް ރަނގަޅު. އެޑަމްގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރަން،" ގައްބެ ބުންޏެވެ.

އޭނާ ބުނީ އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގަދަ ވައިގެ ތެރޭގައި ދުއްވަން ޖެހުމުން ކަމަށާއި ފުރަތަމަ ފަހަރަށް މުބާރާތެއްގައި މިފަދަ މޫސުމެއްގައި ކަޓަމަރާން ދުއްވަން ޖެހުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ.

ޓޮޕްކެޓް ސެއިލިން ވޯލްޑް ޗެމްޕިއަންޝިޕްގައި މި ފަހަރު ތަފާތު އަށް ގައުމަކުން 70 ކަޓަމަރާން ރަޖިސްޓްރީ ކޮށްފައިވާއިރު، 124 ސެއިލަރުން ވާދަކުރި އެވެ.މި މުބާރާތް ކުރިއަށްދިޔައީ ތިން ދުވަހަށް 10 ރޭސް ބަހާލައިގެން ޕޮއިންޓް އުސޫލުންނެވެ. ތިން ދުވަހުގެ ހެނދުނާއި ހަވީރު ރޭސް ވަނީ ކުރިއަށް ގޮސްފަ އެވެ.

ކްރޮއޭޝިއާގައި އޮތް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕް ނިންމާލުމަށް ފަހު ގައްބެ މާލެ އައީ އިއްޔެ އެވެ. ޓީމުގެ ބައިވެރިޔާ އާދަމް ފައިސަލް (އެޑަމް) ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ފަހުންނެވެ.