05 ސެޕްޓެމްބަރ 2016 - 10:57

ހިރިޔާ ސްކޫލުގެ މިދިިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާ މުހައްމަދު ރޭ ހޮވައިފި އެވެ.

އެ ސްކޫލުގެ ޕްރިފެކްޓް ކަމާއި ހައުސް ކެޕްޓަންގެ މަގާމާއި އިތުރު ހަރަކާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ އިބާ ވަނީ އޯ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ގައުމީ ގަދަ 10 ގައި އެއްވަނަ ހޯދައިފަ އެވެ.
އޭނާ އަށް އެވޯޑުތައް ހަވާލުކޮށްދެއްވީ އިނާމް ދިނުމުގެ ހަފުލާގެ ޝަރަފުވެރިވެރި މެހެމާން، ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެެ.
ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ މޮޅު ތިން ދަރިވަރުން ހޮވި އެވެ. އިބާ އެއް ވަނަ ހޯދިއިރު ދެ ވަނަ ހޯދީ ބައްޝާރަތު އަބްދުލް ވައްހާބެވެ. ތިން ވަނަ ހޯދީ އައިޝަތު އަހުލާމް ހަބީބެވެ. މި ދެ ދަރިވަރުން ވެސް ވަނީ އޯ ލެވެލް ގަދަ 10 ގައި ހިމެނިފަ އެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން ޑރ. އަންވަރު ވިދާޅުވީ ތައުލީމް ހާސިލްކުރާއިރު ސްކޫލަށް ގަޑިއަށް ހާޒިރުވުން ވަރަށް މުހިއްމު ކަމަށެވެ. އަދި އެއީ އޭނާ ވިދާޅުވި ގޮތުގައި ކަމެއް ހާސިލްކުރަން ލާޒިމް ސިފައެކެވެ.
ހިރިޔާ ސްކޫލުން އަންނަނީ ކާމިޔާބު ހޯދަމުން ކަމަށް އަންވަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ ހިރިޔާ ސްކޫލުން އަންނަނީ ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކުރަމުން ކަމަށެވެ. އަދި ކަމެއް ހާސިލް ނުވިޔަސް އެއީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް ހަދަންޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހިރިޔާ ސްކޫލުން އަންނަނީ އެއް އަމާޒަކަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ރިންޒީ ވިދާޅުވި ގޮތުގައި އެއީ އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ކިޔަވަމުން އަންނަ ސްކޫލެކެވެ.
ރޭގެ ހަފުލާގައި ވަނީ ވަނަތައް ހާސިލްކުރި ގްރޭޑް 8-10ގެ 45 ދަރިވަރަކަށް އިނާމު ހަވާލުކޮށްފަ އެވެ.