24 މެއި 2019 - 12:05

މެންޗެސްޓާ (މެއި 24) - ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި ފަތުރަމުން އަންނަ ވާހަަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ސިޓީގެ ބޯޑް މެމްބަރު އަލްބާޓޯ ގަލާސީ ބުނެފި އެވެ.
އިޓަލީގެ ބައެއް މީޑިއާތަކުން މި ހަފްތާގައި ރިޕޯޓްކުރިގޮތުގައި ގާޑިއޯލާ ވަނީ ޔުވެންޓަސްއާ ހަވާލުވާން ނިންމައިފަ އެވެ. އަދި އަންނަ މަހު ހަތަރު ވަނަ ދުވަހު ގާޑިއޯލާ ޔުވެންޓަސްއާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށާއި ޔުވެންޓަސްގެ ކޯޗެއްގެ ގޮތުގައި ގާޑިއޯލާ މީޑިއާ އަށް ތައާރަފްކުރުން އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މި ސީޒަނުގައި ސިޓީއާ އެކު އިނގިރޭސި ތިން މުބާރާތުގެ ތަށި ކާމިޔާބުކޮށް ތާރީހީ ކާމިޔާބެއް ހޯދި ގާޑިއޯލާ ވަނީ ދާދި ފަހުން އޭނާ ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީފަ އެވެ. ގާޑިއޯލާ އޭރު ބުނީ ސިޓީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި ޔުވެންޓަސް އަށް ބަދަލުނުވާނެ ކަމަށާއި އަންނަ ސީޒަނުގައި ވެސް ހުންނާނީ ސިޓީގެ ކޯޗެއްގެ ގޮތުގައި ކަމަށެވެ.
ގަލާސީ ބުނީ މީޑިއާތަކުން ފަތުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ސިޓީން ގާޑިއޯލާ ދެއްކި ވާހަކަތަކަށް ފުރިހަމަ އަށް އިތުބާރުކުރާ ކަމަށެވެ.
"ގާޑިއޯލާ ވަރަށް ސީދާކޮށް ބުނެފި އޭނާ ހުންނާނީ ސިޓީގައި ކަމަށް. އަހަންނަށް ނުވިސްނޭ ގާޑިއޯލާ އެހެން ބުނެފައި ވަނިކޮށް މީޑިއާގައި އެހެން ޓީމަކަށް އޭނާ ދާން އުޅޭ ކަމަށް ވާހަކަ ދެކެވެންވީ ސަބަބެއް. މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް. އަހަރެން ޔުވެންޓަސްގެ ކިބައިން މައާފަށް އެދެން އެ ޓީމުން ޖެހޭނީ އެހެން ކޯޗެއް ހޯދަން. ގާޑިއޯލާ ހުންނާނީ ސިޓީގައި،" ގަލާސީ ބުންޏެވެ.
ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ހިލާފުވެފައިވާތީ އެ ޓީމު ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ނިންމާފައިވާ ކަމަށް ބުނާއިރު، އަންނަ މަހު ކުރީކޮޅުގައި ޔުއެފާ އިން މި ކަމުގެ ރަސްމީ ނިންމުން އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ ސީޒަނަށް ސިޓީން ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ވަރުގަދަކުރާނީ ޔުއެފާގެ ނިންމުން އިއުލާނުކުރުމުންނެވެ. ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވެސް އަންނަ ސީޒަނުގައި ސިޓީން ފެނުމުގެ ފުރުސަތު ކުޑަ އެވެ. ސިޓީން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސް އަށް ކުޅޭ ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސެލޯ އާއި ލެސްޓާ ސިޓީގެ އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާ ހިމެނެ އެވެ.