23 މެއި 2019 - 15:37

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސް ބާތިލް ކުރި ކުންފުނިތަކަށް އަލުން އަނބުރާ އެ ލައިސަންސްތައް ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކަން އިއުލާނު ކޮށްފައި ވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޓޫރިޒަމް މިނިސްޓްރީން ބުނީ ލައިސަންސް އަލުން ދޫކޮށްފައިވަނީ ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހުގައި ކަމަށެވެ.
މި އެއްބަސްވުމުގައި ހުއްދަ ބާތިލް ކޮށްފައިވާ ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށާއި މުުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހައްލު ކުރުން ވަނީ ޝަރުތުކޮށްފަ އެވެ.
މީގެ އިތުރުން ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ އަދަދު ކަނޑައެޅިފައިވާ މިނުގައި ބެހެއްޓުމާއި ރިސޯޓުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންތައްތައް އިސްލާހު ކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.
ލައިސަންސް ބާތިލް ކުރި ރިސޯޓުތަކަށް އަލުން ލައިސަންސް ދީފައިވާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވީ ނަމަވެސް އެއީ ކޮން ރިސޯޓުތަކެއް ކަމެއް އަދި ކިތައް ރިސޯޓު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.