އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ
އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ

އަނިޔާވެރިކޮށް މަރާލި މުހައްމަދު އިބްތިހާލުގެ ހަނދާނުގައި ގުރްއާން މުބާރާތެއް ބާއްވަން ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) ން ނިންމައިފި އެވެ.

ހުޅުމާލޭގެ ޣާޒީ ސްކޫލްގައި އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ބާއްވާ ގުރުއާން މުބާރާތް ބަހާލާފައި ވަނީ ތިން އުމުރުފުރަ އަކަށެވެ. އެއީ ހަ އަހަރާއި އަށް އަހަރާ ދެމެދާއި އަށް އަހަރާއި 10 އަހަރާ ދެމެދު އަދި 10 އަހަރާއި 15 އަހަރާ ދެމެދެވެ.

ކެޕްސްގެ ރައީސް އަބްދުލް ހަމީދު އަބްދުލްރަހީމް "މިހާރު" އަށް މިއަދު ވިދާޅުވީ، މިއީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތުގައި މުޅި މުޖުތަމައުގެ ޒިންމާ އޮތް ކަން ހަނދާންކޮށްދޭން ބާއްވާ ގުރްއާން މުބާރާތެއް ކަމަށެވެ.

"ވަރަށް އަނިޔާވެރިކޮށް ހިނގި ހާދިސާއެއް އެއީ. [މުބާރާތުގެ] ނަން އިވުނީމާ އެންމެންނަށް ވެސް އެނގޭނެ އެއީ ވ. ރަކީދޫގައި ހިނގި ހާދިސާކަން. އަދި އެފަދަ ހާދިސާތައް ހުއްޓުވުމުގައި އެންމެންގެ ވެސް ޒިންމާއެއް އޮތް ކަން ހަނދާން ވާނެ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މުބާރާތް ހުޅުވާލާފައި ވަނީ ހުޅުމާލޭގައި ރަޖިސްޓަރީ ވެފައިވާ ކުދިންނަށް އެކަންޏެވެ.

"ހުޅުމާލޭގައި އުޅޭ ކުދިންންނަށް ޖެހޭނީ ގުރްއާން މުބާރާތެއްގައި ބައިވެރިވާން ވެސް މާލެ ދާން. މާލެ ނުގޮސް ބައިވެރިވެވޭނެ ފުރުސަތު އެ ކުދިންނަށް ދޭން ވެގެން މި މުބާރާތް [ހުޅުމާލޭގައި] ކުރިއަށް މި ގެންދަނީ،" ހަމީދު ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިރޭ 8:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މުބާރާތުގައި ބައިވެރިވާން ނަން ނޯޓުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ އިއްޔަގެ ނިިޔަލަށެވެ. ނަމަވެސް މުއްދަތު އިތުރުކުރީ މުބާރާތައް ލިބެމުން އަންނަ ތަރުހީބާއި ގިނަ ބައެއްގެ އެދުމާ އެއްގޮތަށް ކަމަށް ހަމީދު ވިދާޅުވި އެވެ. މިހާތަނަށް 150 ކުއްޖަކު މި މުބާރާތުގައި ބައިވެރިވާން ނަން ނޯޓުކޮށްފައި ވެ އެވެ.

މުބާރާތުގައި ބައިވެރިވާ ކުދިންނަށް އިނާމު ދޭން ދިރާގާއި ވޭލް ސަބްމެރީން އަދި މޯލްޑިވިއަން އެއާލައިނުން އެހީވަމުން އަންނަ ކަން ފާހަގަކުރައްވައި، އެ ތަންތަނަށް ހަމީދު ޝުކުރު އަދާކުރެއްވި އެވެ. މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު އެހެން ފަރާތްތަކަށް އަދި ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ޖަމިއްޔާ އަށް ޣާޒީ ސްކޫލްގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވެސް އޭނާ ހަމީދު ޝުކުރު އަދާކުރެއްވި އެވެ.

"ކުދިންގެ ބެލެނިވެރިންނަށް ވެސް އަޅުގަނޑު ބޭނުން ޝުކުރުއަދާ ކުރަން، އެ ބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑު،" ހަމީދު ވިދާޅުވި އެވެ.

މީގެ ހަތަރު އަހަރު ކުރިން، އަނިިޔާވެރިކޮށް އިބްތިހާލް މަރާލި މައްސަލަ އަކީ އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް އަމާޒުވި މައްސަލަ އެކެވެ. ތިން އަހަރުގެ އިބްތިހާލް މަރާލި ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މީގެ ކުރިން އިއުތިރާފުވި ނަމަވެސް، އެ ކަން އޭނާ ފަހުން ދޮގުކުރި އެވެ.