ރަޖްނީކާންތުގެ "ދަރުބާރު" އަށް ސުނިލް ޝެޓީ ސޮއިކޮށްފި
ރަޖްނީކާންތުގެ "ދަރުބާރު" އަށް ސުނިލް ޝެޓީ ސޮއިކޮށްފި

މި ފަހުން އިންޑިއާގެ ސައުތުގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ރަޖްނީކާންތުގެ ފިލްމު "ދަރުބާރު" އަށް ވެސް ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސުނިލް އެ ފިލްމުގައި ފެންނާނީ މައި ވިލަންގެ ރޯލުންނެވެ. ދާދި ފަހުން ބޮލީވުޑްގެ ޒުވާން އެކްޓަރު ޕްރަތީބް ބައްބަރު ވެސް ވަނީ "ދަރުބާރު" ގެ ނެގަޓިވް ރޯލަކަށް ސޮއިކޮށްފި އެވެ.

ހަންގާމާ އިން ބުނި ގޮތުގައި މުމްބާއީގައި "ދަރުބާރު" ގެ ޝުޓިން ޝެޑިއުލެއް ވަރަށް އަވަހަށް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ އިރު، ސުނިލް ފިލްމުގެ ކްރޫއާ ގުޅޭނެ އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ފިލްމެއްގައި ނެގަޓިވް ރޯލެއް ކުޅެފަ އެވެ. އެއީ 2004 ގައި ފަރާ ހާން ގެނެސް ދިން ޝާހްރުކް ހާންގެ "މޭ ހޫ ނާ" އެވެ.

ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ގަޖިނީ" އާއި "އަކީރާ" ގެ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ޑައިރެކްޓް ކުރާ "ދަރުބާރު" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސުނިލް، 57، ގެ ކުރިއަށް ހުރި ސައުތުގެ ފިލްމުތަކުގެ ތެރޭގައި ސުދީޕްގެ "ޕަލިވާން" އާއި މޯހަންލާލުގެ "މަރަކައްރު: ދަ ލަޔަން އޮފް އެރޭބިއަން ސީ" ހިމެނެ އެވެ.

އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ހިންދީ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ އަޖޭ ދޭގްވަންގެ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.