ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި
ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާއި ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ހުރުމެވެ.

މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައި ވުމާއި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ. އަދި އިންތިޚާބު ކޮށްފައިވާ ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،000ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ. ސިވިލް ކޯޓުގައި މިހާރު 14 ފަނޑިޔާރުން ތިއްބަވަ އެވެ.