އެނދު އިތުރު ވިޔަސް ބެޑް އޮކިއުޕަންސީ ހުރީ 62 ޕަސެންޓުގައި
އެނދު އިތުރު ވިޔަސް ބެޑް އޮކިއުޕަންސީ ހުރީ 62 ޕަސެންޓުގައި

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ބޭނުންކުރާ އެެނދުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އޮޕަރޭޝަނަށް ނެރެފައިވާ ބެޑް އޮކިއުޕަންސީއަކީ 62.1 ޕަސެންޓް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެނދު އިތުރު ވިޔަސް ބެޑް އޮކިއުޕަންސީ ހުރީ 62 ޕަސެންޓުގައި
އެނދު އިތުރު ވިޔަސް ބެޑް އޮކިއުޕަންސީ ހުރީ 62 ޕަސެންޓުގައި

އެ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި 43،026 ޓޫރިސްޓް އެނދު ރަޖިސްޓްރީކޮށްފައިވެ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 3،490 އެނދުގެ އިތުރުވުމެކެވެ.

ރަޖިސްޓްރީކޮށްފައިވާ އެނދުގެ އަދަދު އިތުރުވެެފައި ވާއިރު ވިއްކާފައިވާ އެނދުގެ އަދަދު ވެސް ވަނީ އެއް ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ރަޖިސްޓްރީކުރި އެނދުގެ ޖުމްލަ އަށް ބަލާއިރު އޮކިއުޕަންސީއަކީ 61.1 ޕަސެންޓެވެ.

މިދިޔަ އަހަރު 825 ތަނަކުން ޓޫރިސްޓް އެނދު ރަޖިސްޓްރީކުރި އެވެ. އެގޮތުން 145 ރިސޯޓަކުން ވަނީ 31،741 އެނދު ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް ވިއްކާފައި ވަނީ 30،438 އެނދެވެ. ހޮޓާތަކާއި ކުލީ ގެތަކުން 10،425 އެނދު ރަޖިސްޓްރީ ކޮށްފައި ވާއިރު ބޭނުން ކުރެވުނީ 9،759 އެނދެވެ.

ރާއްޖޭގައި ހިދުމަތް ދެމުން އަންނަ 147 ސަފާރީއަކުން މިދިޔަ އަހަރު 2،758 އެނދު ރަޖިސްޓްރީ ކޮށްފައިވެ އެވެ. ނަމަވެސް ވިއްކާފައި ވަނީ އޭގެ 28 ޕަސެންޓެވެ.

ޓޫރިޒަމް ދާއިރާ ފުޅާވަމުން ދާއިރު މިދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އެވްރެޖުކޮށް 3،000 އެނދު އަންނަނީ އިތުރުވަމުންނެވެ. މިއާ އެކު މިދިޔަ ހަތް އަހަރުގެ ތެރޭގައި 16،000 އެނދު އިތުރުވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ އަދަދެކެވެ. އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ.