މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް
މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވާރޭ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ ހުޅަނގު މޫސުމުގެ ވާރޭ މި އަހަރު ރާއްޖެ އަށް ކުރަން ފެށީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ހުޅަނގު މޫސުން މި އަހަރު ފެށީ އެހެން އަހަރުތަކުގައި ފަށާވަރަށް ވުރެ ތަންކޮޅެއް ލަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖޭގެ އުޑުމަތި ބަނަވާނެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހޭނެ،" ހާފިޒް ވިދާޅުވި އެވެ.

ރާއްޖެ އަށް މިއަދު ވެހެން ފެށި ވާރޭ އާ އެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. ހަވީރު ހަތަރެއްގެ ނިޔަލަށް ރ. އަތޮޅުން އައްޑޫއާ ހަމައަށް އެލާޓް ނެރެފައިވާ އިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ހާފިޒް ވިދާޅުވި އެވެ.

"އެންމެ ބޮޑަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވެނީ ރ. އަތޮޅާއި މ. އަތޮޅާ ދެމެދު،" ހާފިޒް ވިދާޅުވި އެވެ.

މެދު ރާއްޖެތެރޭގައި މިއަދު ވައިގަދަ ވާނެ ކަން ފާހަގަ ކުރައްވަމުން ކަނޑުދަތުރުކުރާ މީހުން އެކަމަށް ސަމާލުކަން ބަހައްޓަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ. ހާފިޒް ވިދާޅުވި ގޮތުގައި ވިލާގަނޑާ އެކު ގަޑިއަކު 40 މޭލަށް ވައި ބާރު ވާނެ އެވެ.

މީގެ އިތުރުން ކ. ގާފަރަށް ވެސް މިއަދު ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށް ހާފިޒް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ ދެ ގަޑިއިރު ތެރޭގައި އެ ރަށަށް 73 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި މޫސުން ރަނގަޅު ނުވެއްޖެ ނަމަ، އެ ސަރަހައްދަށް ވަކިން ޔެލޯ އެލާޓް ނެރެން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.