05 ސެޕްޓެމްބަރ 2016 - 06:26

(ސެޕްޓެމްބަރު 1 ގައި ޖެހި ބަޔާ ގުޅޭ)
"ހާދަ ވަރަކަށޭ ދޯ ދާހިއްލަނީ،" ޖޫސް ތަށި އެއް ފަރާތުގައި ބަހައްޓައި، ޓިޝޫއަކުން އިހުސާންގެ މޫނު ފޮހެދެމުން ޒޫނާ ބުންޏެވެ.
ދާހިއްލުމާއި ހޫނުވާލެއް ބޮޑުކަމުން އޭނާ އަށް ނުނިދި ކިތައްމެ ރެއެއް ހިނގައްޖެ އެވެ. އެކަމަކު އެ އުނދަގޫތަކުގެ ވާހަކަ ޒޫނާ ގާތަކު ނުބުނެ އެވެ. އަވަހަށް ނިދުމަކީ ޒޫނާގެ އާދަ އެވެ. އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ހަ އަހަރުގެ ވިޝާމާ، އެންމެ ލަސްވެގެން ވެސް ރޭގަނޑު އަށްގަޑި ބައި ވުމުގެ ކުރިން އޮންނާނީ ނިދާ ހަރުދަނޑިވެފަ އެވެ. ނުވައެއް ޖަހަންވާ އިރަށް ޒޫނާ އެނދަށް އަރާނެ އެވެ. އެހެންކަމުން މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރޭގަނޑު ނުނިދިގެން އިހުސާން އުޅުނު ގޮތް ޒޫނާ އަށް ރޭކާ ވެސް ނުލަ އެވެ.
އޭނާގެ ސިއްހަތާ މެދު ޒޫނާ އަޅައިގަތީ އެންމެ ކަމަކާ ހެދި އެވެ. ކުއްލިއަކަށް މާ ބޮޑަށް ހިކެއް ފެށުމެވެ. މިދިއަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ހަތަރު ކިލޯ ލުއިވެއްޖެ އެވެ. އިހުސާން ރަނގަޅަށް ދަންނަ ކޮންމެ މީހަކަށް ވެސް އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ އެ ބަދަލު ފާހަގަކުރެވޭނެ އެވެ. ޑޮކްޓަރަށް ދައްކަން ޒޫނާ ކިތައްމެ ފަހަރަކު އެދުނެވެ. އެކަމަކު އިހުސާން ބުނީ، ތަހުގީގުގެ ގޮތުން ރަނގަޅަށް ނުކެވެނީ ކަމަށެވެ. މާ ބޮޑަށް ފިކުރުކުރެވެނީ ކަމަށެވެ.
ޑޮކްޓަރަށް އިހުސާން ދެއްކުމަކީ އެއް އިރެއްގައި ވެސް ފަސޭހަ ކަމެއް ނޫނެވެ. ކައިވެންޏަށް ވީ އަށް އަހަރުގެ ތެރޭގައި ބަލިވެގެން އޭނާ ޑޮކްޓަރަށް ދެއްކީ އެންމެ ދެ ފަހަރު އެވެ. ޒޫނާގެ ހަނދާނުން އެ ދެ ދުވަސް ފިލައިގެންނެއް ނުދެ އެވެ.
"މާދަން އޮފީހަކަށް ނުދެވޭނެ. ހެނދުނު ހެނދުނާ ޖެހޭނެ ހޮސްޕިޓަލަށް ދާން،" އަލުން ޖޫސް ތަށި ޖައްސަމުން ޒޫނާ ބުންޏެވެ.
"މާދަމާ ވީމަ ދޯ އެނގޭނީ،" އެތިފޮދެއް ބޯލާފައި، ކުޑަކޮށް ނޭވާ ހަމަޖައްސާލަމުން އިހުސާން ބުނެލި އެވެ.
"ދެން އަބަދުވެސް ދައްކާ އުޒުރު ދައްކަން ނޫޅޭ މިފަހަރު. އަހަރެން ބުނާ ގޮތް އެއްފަހަރު ހެދިޔަސް ދެރައެއް ނުވާނެ،" މަޑުމަޑުން ޖޫސް ބޮމުން ދިޔަ ފިރިމީހާއާ ދިމާއަށް ސީރިއަސްކަމާ އެކު ބަލަން ހުރެ ޒޫނާ ބުންޏެވެ.
އިހުސާން އެއްޗެކޭ ނުބުނެ އެވެ. އުނދަގުލުން ޖޫސް ތަށި ހުސްކޮށްލުމާ އެކު ޒޫނާ ކޮޓަރިން ނުކުތެވެ. އިހުސާން ލޯ މަރާލައިގެން، އެނދުގައި ހަމަޖެހިލެވޭތޯ އުޅުނެވެ.
އޭރު ވެސް އޭނާގެ ސިކުނޑީގައި އޮތީ އިބްރާހިމްގެ ތަހުގީގެވެ. އިބްރާހިމްގެ ހާދިމް ސަންޖޭ ވަނީ ހުރިހާ ވާހަކައެއް ތަހުގީގުގައި ކިޔައިދީފަ އެވެ. އޭނާގެ ފޯނު ފޭރުނުކަމެވެ. އެ ފޯނުގައި ބައެއް މެސެޖް ހުރެދާނެ ކަމެވެ. ނާދިރާ މަރާލުމުގެ ހުރިހާ ކަމެއް ހަވާލުކުރީ ބެންގަލޫރުގައި އުޅޭ ކުމާރު ނަމަކަށް ކިޔާ މީހަކާ ކަމެވެ. އެ ކުމާރު އެ މަސައްކަތަށް އިތުރު ދެ މީހަކު ހޯދި ކަމަށާއި ފަހުން ވީ އެއްވެސް ގޮތެއް ނޭނގޭ ކަމަށް ވެސް ސަންޖޭ ފުލުހުންނަށް ކިޔައިދިނެވެ.
ދިވެހި ފުލުހުން ފޯރުކޮށްދިން މައުލޫމާތުތަކާ ގުޅިގެން ބެންގަލޫރުގެ ފުލުހުން ކުމާރު ހޯދަން މަސައްކަތްކުރި އެވެ. ނަމަވެސް އޭނާ ވީ ތަނެއް އަދިވެސް ނޭނގެ އެވެ. އޭނާ އުޅުނު ގޭގެ އަވަށްޓެރިން ބުނާ ގޮތުން ނަމަ ކުމާރުގެ މަންމަ މަރުވި ފަހުން އޭނާ އެ ހިސާބުން ފެނިފައެއް ނުވެ އެވެ. ކުމާރު މަސައްކަތްކުރި ފިހާރައިގެ ވެރިޔާ ބުނީ އޭނާގެ ހަބަރެއް ނުވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
އިހުސާނަށް އެއީ އާ ވާހަކައެއް ނޫނެވެ. ނާދިރާ މަރާނުލިޔަސް ކުމާރަކީ ގާތިލެކެވެ. އިބްރާހިމް ވަގަށް ނެގި ބަޔަކު ވަނީ ނާދިރާ ހުރި ތަން ހޯދައިފަ އެވެ. އެހިސާބަށް އެ މީހުންނަށް ދެވޭނީ ފުރަތަމަ ކުމާރުގެ އަނގައިން މައުލޫމާތުތަކެއް ބޭރުކޮށްގެންނެވެ. ބެންގަލޫރާ މާ ދުރުގައި ހުރި މަރުކަޒެއްގައި ނާދިރާ ހުރިކަން އެ މީހުންނަށް އެނގޭނީ ވަރުގަދަ ތަހުގީގަކަށް ފަހު އެވެ. އެހެންކަމުން އޭނާ މިހާރު އެ ދުވަނީ ތަހުގީގުކުރުމުގެ ހުނަރު ހުރި ދެ މީހެއްގެ ފަހަތުންނެވެ. ފަހަރެއްގައި އެ ގްރޫޕްގައި އެއަށް ވުރެ ވެސް ގިނަ މީހުން ތިބެދާނެ އެވެ.
ސަންޖޭގެ ފޯނު ފޭރުނީ ވެސް އެ މީހުންގެ ރޭވުމަކުން ކަން އިހުސާނަށް ކަށަވަރެވެ. އެ ފޯނުގައި ހުރި މައުލޫމާތުތައް ކަހާލައި، ފުރާނާލެވޭނީ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދައިގެންނެވެ. އެއީ ފައިސާ އެވެ. ތަންތަނަށް ދަތުރުކުރުމަކީ ވެސް ފައިސާ އެވެ.
ރެބޭކާ އަކީ ފޭކް ނަމެކެވެ. އޭނާ ބޭނުންކުރީ ފޭކް ޕާސްޕޯޓެކެވެ. އެހެންކަމުން އިހުސާނަށް ކަށަވަރުވަނީ އިބްރާހިމް ވަގަށް ނެގި މީހުންގެ ގުޅުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ކަމެވެ. އޭނާ އެ ދަނީ ފައިސާ ހުރި ބަޔަކު ފަށާފައިވާ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއްގެ ފަހަތުންނެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް މަދުވެގެން ދެ މީހުން މަރުވެފައިވާކަން ކަށަވަރެވެ. އޭގެ ތެރެއިން އެކެއްގެ ގާތިލަކީ، މިދިއަ ހަފުތާއެއްހާ ދުވަހު، ހަމަ ކޮންމެ ދުވަހަކު އޭނާ ސުވާލުކުރަމުން ގެންދިޔަ ޔާސިރެވެ. އެންމެ ފަހުން ޔާސިރާ އޭނާ ބައްދަލުކުރީ މީގެ ހައެއްކަ ގަޑިއިރު ކުރިން ދޫނިދޫގަ އެވެ. ތަހުގީގަށް އޭނާ ހުރީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.
ޔާސިރަކީ މިހާރު މުޅިން ތަފާތު މީހެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒައްލޭ އެހާ އަނިޔާވެރިކޮށް މަރާލުމަށް ފަހު، އޭނާގެ ދުވަސްތައް ހޭދަކުރަން ފެށީ އަޅުކަމުގަ އެވެ. އެކި ކުށްކުށުގައި އެތައް ފަހަރަކު ޖަލަށް ވަދެ، އެތައް އަހަރެއް ޖަލުގައި ހޭދަކުރުމުން އޭނާ އަކީ ގައިދީންގެ މެދުގައި މަޝްހޫރު އަދި އެހާމެ ނުލަފާ މީހެކެވެ. ނަމަވެސް ޒައްލޭގެ މަރަށް ފަހު އޭނާ ފެނުނީ ބަދަލުވެފައި ހުރި ސޯލިހު ގައިދީއެއްގެ ގޮތުގަ އެވެ. ކުރިން ޖަލުގައި އެއްގޮތަކަށް ވެސް އޭނާ ނަމާދެއް ނުކުރެ އެވެ. ނުބައި އެތައް ކަމެއް ހިންގި އެވެ. އެކަމަކު މިހާރު ޔާސިރު އަތުގައި ހަތިމު ނެތް އިރެއް މަދެވެ.
އޭގެ ސިއްރެއް އެކަކަށް ވެސް ނޭނގެ އެވެ. އެންމެންނަށް ވެސް ޔަގީންވާ ކަމަކީ ޔާސިރުގެ އެ ބަދަލަކީ، ގިނަ ގައިދީންގެ ކިބައިން ފެންނަ ގޮތަށް، ދެއްކުންތެރިކަން ނޫން ކަމެވެ. އޭނާ އަޅުކަމުގެ ތެރެއަށް ވަނީ ކުރެވުނު ހުރިހާ ކުށަކަށް އިއުތިރާފްވެ، ހިތާމަކުރަމުންނެވެ. ނަމާދުނުކޮށް އުޅޭ ގައިދީންނަކާ އޭނާ ވާހަކައެއް ނުދައްކަ އެވެ.
އިބްރާހިމްގެ މަރާ ގުޅިގެން ޔާސިރާ ހަމައަށް އިހުސާނަށް ދެވުނު އިރު އޭނާ ހުރީ މާޒީގެ އެ ސަފުހާ ކިޔައިދޭ ގޮތަކަށެއް ނޫނެވެ. އިހުސާން ދައްކާ ވާހަކައެއް އޭނާއަކަށް ނޭނގެ އެވެ. ސުވާލުކުރަމުން ދިޔަ އެއްވެސް ކަމެއް އޭނާ ނުދެނެހުއްޓެވެ. އެކަމަކު އިހުސާން ގަބޫލެއް ނުކުރެ އެވެ. ބަޔަކު ޒައްލޭ އާއި ޔާސިރު ރަހީނުކޮށްގެން ގެންގުޅުނު ކަމަށް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޔާސިރު ބުނީ ދޮގެއް ކަމަށެވެ. ރަހުމަތްތެރިޔާ މަރާލީ، ހުޅުމާލޭގައި ހުރެ، ޔާސިރުގެ ލޯބިވެރިޔާ ރަހުމާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުން އައި ރުޅީގައި ކަމަށް ޔާސިރު ބުންޏެވެ. ޒައްލޭގެ ކުޑަވާ އިނގިލި ބުރިކޮށްލީ ކާކުތޯ ސުވާލުކުރުމުން އޭނާގެ ޖަވާބަކީ "އެއްގޮތަކަށް ވެސް ނޭނގެ" އެވެ. ހުޅުމާލެ އަށް ދާން ޒައްލޭއާ ބައްދަލުކުރި އިރު ވެސް އޭނާ ހުރީ ބެންޑޭޖްކޮށްގެން ކަމަށް، ޔާސިރު ތަކުރާރުކޮށް ބުނީ، އިހުސާންގެ ކުރިމަތީގައި އޭނާ ދައްކަމުން އައި ވާހަކަތަކަށް ބަދަލެއް ނުގެނެސް، އެއް ރޫހެއްގަ އެވެ.
މަދުވެގެން ދެ މީހަކު ޔާސިރާއި ޒައްލޭ އަށް އަނިޔާކުރި ކަމަށް އިހުސާން ބުންޏެވެ. ތިން ވަނަ މީހަކު ނުވަތަ ހަތަރު ވަނަ މީހަކު ވެސް އުޅޭނެ ކަމަށް، އޭނާ ލަފާކުރި އެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކުން ޔާސިރަށް އައި ހައިރާންކަމެއް، ބަދަލެއް ނުފެނުނެވެ. އޭނާ އިންނަނީ ހިނިތުންވެފަ އެވެ. އޭނާ ޖަވާބު ދެމުން ދިޔައީ ވެސް ހިނިތުންވެގެން އިނދެ އެވެ.
"އަހަރެން މި އައީ ޑރ. އިސްމާއިލާ ވާހަކަ ދައްކާފައި. ބުނީ މާދަމާ ހެނދުނު އައިޖީއެމްއެޗަށް ދާށޯ،" އިހުސާންގެ ވިސްނުމުގެ ދުނިޔެ، ޒޫނާގެ އަޑުން ފުނޑުކޮށްލި އެވެ. ތަހުގީގު ކޮޓަރީގައި އޭނާއާ ދިމާއަށް ކަޅިޖަހާނުލައި ބަލަހައްޓައިގެން އިން ޔާސިރު، އިހުސާނުގެ ހަނދާންތަކުން ފޮހެވުނެވެ. އޭނާ މަޑުމަޑުން ލޯ ހުޅުވާލި އިރު، ޒޫނާ އައިސް އެނދުގައި އޮށޯންނަނީ އެވެ.
"ނުގޮހެއް ނުވާނެ އިހުސާން. ވާ ގޮތެއް އެނގޭނީ ވެސް ދެއްކީމާ ދޯ. އަބަދު ނުޖެހޭނެ އޮފީހުގައި ބުރަކޮށް އުޅޭކަށެއް. އާއިލާ އަކީ ވެސް ޒިންމާއެއް. ސިއްހަތަކީ ވެސް ޒިންމާއެއް،" އިހުސާނާ ދިމާއަށް އެނބުރި، ބަލަހައްޓައިގެން އޮވެ ޒޫނާ ބުންޏެވެ.
އިހުސާން އެއްޗެކޭ ނުބުނެ އެވެ. އަންހެނުންނާ ހަތަރު ކަޅި ހަމަކޮށްގެން އޮތީ އެވެ. ޒޫނާ ދެކެ ދުވަހަކު ވެސް އޭނާ ފޫސެއްނުވެ އެވެ. އެއީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކުރި ކައިވެންޏެކެވެ. އޮޅުވާލުމާއި މަކަރަކީ އެ ލޯބީގައި ލިއެވިފައި އޮތް ލަފުޒުތަކެއް ނޫނެވެ. ބައެއް ފަހަރަށް ރުޅިއަންނަ ކަމެއް ދިމާވިޔަސް، އެކަކު އަނެކެއްގެ ކޮލަށް ދޭ ދޮނަކުން ދެ މީހުންގެ ހިނިތުންވުން އެނބުރި އާދެ އެވެ. ޒޫނާ އަށް ދިމާވަ ހަމައެކަނި މައްސަލަ އަކީ ޑޮކްޓަރަށް ދައްކަން އިހުސާން ހަދާ ދެކޮޅެވެ.
"ކީއްވެ ބަލަހައްޓައިގެން ތި އޮތީ؟ ނޫނެކޭތަ ބުނަން ތި އުޅެނީ؟" އިހުސާންގެ ކަނާތު ކޮނޑުން ފެށިގެން އުޅަނބޮއްޓާ ހަމައަށް މަޑުމަޑުން ފިރުމާލަމުން ޒޫނާ އެހި އެވެ.
"ދެން ދާނީ ދޯ،" އަންހެނުން އެހާ ވަރަށް އެކަން ކުރަން އުޅޭތީ އެންމެ ފަހުން އިހުސާން ބުންޏެވެ. މިރޭ ޒޫނާ އަވަހަށް ނިދާނީ ވެސް އެ ޖަވާބު ދިނުމުންނެވެ.
"ދެން ނިދާލާ، މާ ބޮޑަށް ނުވިސްނާތި އޮފީހުގެ ކަންކަމާ،" އިހުސާންގެ ތުންފަތަށް ދޮނެއް ދެމުން ޒޫނާ ބުނެލި އެވެ. ދެން އޭނާ އަނެއް ފަރާތަށް އެނބުރި ލޯ މަރާލި އެވެ.
އަންހެނުންނާއި ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރަން ކިތައްމެ ވަރަކަށް ވެސް އިހުސާން ބޭނުންވެ އެވެ. ފުލުހުންގެ ތެރެއިން ކެނޑިގެން އަމިއްލަ ކަމެއް ފަށަން އޭނާގެ އެންމެ ގާތް އެކުވެރިން އެތައް ފަހަރަކު ބުނެފި އެވެ. އެންމެ ފަހުން އެ ހިޔާލު ދިން މީހާ ވެސް ކުއްލިއަކަށް ހަނދާންވި އެވެ: ނާވިޝް އެވެ. އެތައް ދުވަހަކަށް ފަހު ދެ މީހުން ބައްދަލުވީ ފުލުސް އޮފީސް ކައިރިންނެވެ. އޭރު ގެއަށް ދާންވެގެން އިހުސާން ނުކުންނަނީ އެވެ. ކޮފީއަކަށް ދައުވަތު ދިނީ ވެސް ނާވިޝް އެވެ.
ކޮފީގައި މުޅިން ވެސް ދެއްކީ ދެ މީހުން އެކުގައި އުޅުނު އިރު ދިމާވި ބައެއް މަޖާ ކަންކަމުގެ ވާހަކަ އެވެ. ނާވިޝް މިހާރު ކުރަނީ ކޮން ކަމެއްތޯ އެހުމުން ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައެއް ގޭގައި ހަދައިގެން އުޅޭ ކަމަށް ބުންޏެވެ. އަމިއްލަ ކަމެއް ކުރުމުގެ ހިޔާލު ނާވިޝް ދިނީ އެ ވާހަކަ އަށް ފަހު އެވެ. ކުއްޖަކު ލިބި، އާއިލާ އަށް ހަމަޖެހުމެއް ވެސް އަންނާނީ އަބަދު އޮފީހުގައި އުޅެން ނުޖެހޭ ކަހަލަ ކަމެއް ފަށައިގެންނޭ ބުނެ، ވިސްނައިދޭން އުޅުނެވެ.
ނާވިޝް އަކީ ގައުމުގެ ނިޒާމާ މެދު ހިތްހަމަނުޖެހޭ މީހެކެވެ. ނަމަވެސް އެއީ އޭނާ އަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އިހުސާން ތަފާތެވެ. އޭނާ ގަބޫލުކުރަނީ ތެދުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ކިތައްމެ ކުޑަކޮށް އޮތަސް، އެގޮތަށް ކުރިއަށް ދާށެވެ. އެއްވެސް ތަނެއްގައި ހުރިހާ ކަމެއް އެންމެ ފުރިހަމައެއް ނުވާނެ އެވެ. ވިކޭ މީހުންނާއި ނުފޫޒުގައި ދަށުވާ މީހުން އުޅޭނެ އެވެ. ހަމައެހެން ތެދުވެރިކަން ދޫނުކޮށް، ހައްގު ގޮތުގައި ތިބޭނެ މީހުން ވެސް މަދެއް ނޫނެވެ.
އިހުސާނަކީ އޭގެ މީހެކެވެ. އޭނާ މާޔޫސްވެގެން ފުލުސް އޮފީހަކުން ނުކެނޑޭނެ އެވެ. ނާވިޝް ހެދި ގޮތަށް ވެރިންގެ ބައްދަލުވުމުގައި، ޔުނީފޯމް ބާލައި، ހުސް ގަޔާ ނުކުމުގެން ނުދާނެ އެވެ. ނާވިޝް އެހެން ކަންތައް ކުރީ ވެސް ސަބަބުތަކެއް އޮވެގެންނެވެ. އެއީ ވެސް ނުވިކޭނެ، ނުފޫޒުގެ ދަށުވާން ބޭނުންނުވި އޮފިސަރެކެވެ. އެކަމަކު އޭނާ ގަބޫލުކުރީ ވެރިންނާ ދެކޮޅަށް ތެދުވަން ޖެހޭ ހާލަތެއްގައި ބޯ ޖަހާލަ ޖަހާލާ ނުއިންނާނެ ކަމެވެ.
ނާވިޝްގެ ތެދުވެރިކަމާ މެދު އިހުސާންގެ ހިތުގައި ޝައްކެއް ނެތެވެ. އެކަމަކު ކޮފީގައި އެ ދުވަހު އޭނާ ގާތު އިހުސާން ބުނީ ފުލުސް އޮފީހުން ކެނޑެއް އަދި ހިޔާލު ވެސް ނުކުރާ ކަމަށެވެ. ހިދުމަތްކުރަން އޭނާގެ ހިތުގައި އޮތް އެދުން އެއަށް ވުރެ ބޮޑު ކަމަށް ވެސް ބުންޏެވެ.
ނާވިޝް... ހިޔާލުތަކުގެ ތެރޭގައި އޮވެ އިހުސާނަށް މަޑުމަޑުން ބުނެލެވުނެވެ. އޭނާގެ މޭ ދިޔައީ ފިނިވެގެންނެވެ. އޭނާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެއް އަތުން އަނެއް އަތުގައި ފިރުމާލުމުން ހީބިހީގެ ރާޅުކަން އިހުސާސްކުރެވުނެވެ.
ނާވިޝް...ޒަވީން... މިފަހަރު އޭނާ އަށް ބުނެވުނީ ދެ ނަން އެކުއެކުގަ އެވެ. ރަނގަޅަށް ވިސްނާލުމަށްޓަކައި އޭނާ އަށް ލޯ މަރާލެވުނެވެ. ހަށިގަނޑަށް ފެތުރިފައި އޮތް ވަރުދެރަކަން އޭނާ އަށް އުނދަގޫކުރަމުން ދިޔަ އެވެ. އެކަމަކު އޭނާގެ ތަހުގީގީ ނަޒަރުގެ ތެރެއަށް ކުރީގެ އެ ދެ އޮފިސަރުންގެ ސިފަ އައިސް ހަރުލި އެވެ. ރާއްޖޭގައި އެހާ ސިއްރުވެރި ކަމެއް، އެ ފެންވަރުގައި ކުރާ ނަމަ ނާވިޝް އާއި ޒަވީންގެ ޝަހުސިއްޔަތާއި އިލްމު އޭގެ ތެރެއަށް ފެތެ އެވެ. އެކަމަކު މިހާތަނަށް އޭނާ އަށް އެނގުނު އަނިޔާވެރިކަން އެ ދެ މީހުންނަކާ ނުގުޅެ އެވެ.
އެއީ ބޭރު ފުށުން އޭނާ އަށް ކުރެވޭ އިންސާފެކެވެ. ރައްޔިތުންނަށްޓަކައި އެ ދެ މީހުން އަނިޔާވެރިންނަށް ވެދާނެ ހެއްޔެވެ؟ އިހުސާންގެ ހިތަށްއެރި އެވެ.
އިންސާފު ނުލިބެޔޭ ކިޔާފައި ނާވިޝް ވަޒީފާ އިން ވަކިވީ ރުޅިއައިސްގެންނެވެ. ޒަވީން ވަކިވީ ވެސް އެތައް ޝަކުވާތަކެއްގެ ތެރޭގަ އެވެ. އެންމެ ފަހުން ގޭންގެއްގެ ބަޔަކު އޭނާގެ ލޯބިވެރިޔާ މަރާލުމުން، އޭނާ ވެސް ބުނީ "މި ގައުމުގައި އިންސާފެއް ނުލިބޭނެ" ކަމަށެވެ. ބައެއް އޮފިސަރުންނާ އެކު ޒަވީން ކުރި ޒުވާބު އިހުސާން ހަނދާން އެބަ ހުއްޓެވެ. އެ ދުވަހު އޭނާ ވެސް ހުރީ ޒަވީން ކައިރީގަ އެވެ. ޒަވީން ބުނީ ގޭންގުން ހަމަލާ ދިނީ އޭނާ އަށް ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ނެތް ކަމަށް ބުނެ، އިސްތިއުފާގެ ސިޓީ ލިއުނެވެ.
އޭނާ ހުއްޓުވަން އިހުސާން ވެސް އުޅުނެވެ. އެކަމަކު ޒަވީން ހުރީ، ނާވިޝް ވެސް ދެއްކި ހިތްވަރާއި ހަމަ އެގޮތުގަ އެވެ. ގައުމުގެ މުޅި ނިޒާމް ދެކެ އެ ދެ މީހުން ވެސް ރުޅިއާދެ އެވެ.
ނާވިޝް...ޒަވީން...ނާވިޝް...ޒަވީން.... ލޯ މަރާލައިގެން އޮވެ، އަމިއްލަ ވިސްނުމުގައި މުޅިން އެހެން ދުނިޔެއެއް އިހުސާން ކުރަހަން ފެށި އެވެ. އޭނާ އަށް އެކި ކޮޅުކޮޅު ސިފަވަމުން އަ އެވެ. އެކި މީހުންގެ އެހީތެރިކަން ހޯދާނެ ގޮތްތައް ސިކުނޑި އަށް ބުނެދިނެވެ. އެ މަންޒަރަށް އެންމެ ބޮޑަށް ފެތޭނެ މީހުން ހިޔާލަށް އާދެ އެވެ.
ފާތިރު... މަޑުމަޑުން އިހުސާނަށް ބުނެވުނެވެ. ލޮލެއް ނުހުޅުވަ އެވެ. އޭނާ ދިޔައީ ވިސްނުމުގެ އެ ދުނިޔެ ފުރިހަމަކުރަމުންނެވެ. ފާތިރަކީ ޒަވީން އާއި ނާވިޝްގެ ވަރަށް ގާތް މަހުޖަނެކެވެ. އެކަމަކު ފާތިރު އެކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ބޭރު ފުށުން ފެންނަ އިރު ގަބޫލެއް ނުކުރެވެ އެވެ. އިބްރާހިމް ކަހަލަ މީހަކާ ފާތިރު ޖެހިގަންނަންވީ ކީއްކުރަން ހެއްޔެވެ؟ ނޭނގޭ ސަބަބެއް އޮވެދާނެ އެވެ. މަހުޖަނުންނާއި މަހުޖަނުންގެ ދެމެދު އަބަދުވެސް ރުޅިވެރިކަން އޮވެ އެވެ.
އިހުސާންގެ ހަ ވަނަ ހިއްސަށް އެ ތިން މީހުން ވެރިވެގަތެވެ. އޭނާގެ ހިޔާލީ ދުނިޔޭގައި އެ ތިން މީހުން ގުޅިގެން ހަރަކާތްކުރަން ފެށި އެވެ.
އަސްލު ދުނިޔޭގައި އިހުސާންގެ ލޯ މެރިފައި އޮތީ ހަށިގަނޑަށް ލިބެމުން ދިޔަ ވަރުބަލިކަމުގަ އެވެ. އޭނާ އަށް ރަނގަޅަށް ނުނިދޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ވިސްނުމަށް އެންމެ ފަހުން އަރައި ފައިބަމުން އެދަނީ ތަހުގީގަށް ކިތައްމެ މުހިންމު ހިޔާލުތަކެއް ނަމަވެސް، ވަރުބަލިވެފައި އޮތް ސިކުނޑި އިތުރަކަށް ފުރުސަތެއް ނުދިނެވެ.
އޭނާ ފުން ނިންޖެއްގެ ތެރެއަށް ގަންބާލި އެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔަ އެވެ. އެކަމަކު އެ އުނދަގޫ އިހުސާސްނުކުރެވޭ ވަރަށް އޭނާގެ މައްޗަށް ބާރު ހިންގާލީ އެ ނިންޖެވެ.
(ފަސް ވަނަ ބައި ސެޕްޓެމްބަރު 6 ގައި)