ސްކޫލްތައް ދީނާއި ބަހަށް ހާއްސަކުރުން ލަންކާގައި ހުއްޓާލަނީ
ސްކޫލްތައް ދީނާއި ބަހަށް ހާއްސަކުރުން ލަންކާގައި ހުއްޓާލަނީ

ވަކި ދީނަކަށް ނުވަތަ ވަކި ބަހަކަށް ހާއްސަކޮށްގެން ސްކޫލް ނިޒާމު ހިންގުން ކުރިއަށް އޮތް ދެ އަހަރު ތެރޭ ހުއްޓާލާނެ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ނެޝަނަލް ކޮލެޖްސް އޮފް އެޑިއުކޭޝަނުން ނެޝަނަލް ޓީޗިން ޑިޕްލޮމާ ހާސިލުކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޮޑުވަޒީރުގެ ގޭގައި ބޭއްވި ރަސްމިއްޔާތުގައި ރަނިލް ވިދާޅުވީ ހުރިހާ ސްކޫލެއް އެއް ނިޒާމެއްގެ ދަށުން ހިންގަންޖެހޭ ކަމަށާއި ސްކޫލްތައް ވާންޖެހޭނީ ދީނީ އަދި ނަސްލީ ތަފާތުކުރުންތަކަށް މަގު ފަހިނުވާ ނިޒާމަކަށް ކަމަށެވެ.

ރަނިލް ވިދާޅުވީ ވަކި ނަސްލަކަށް އަދި ސިންހަޅަ، ތަމަޅަ، މުސްލިމް އަދި ނަސާރާ ދީނަށް ހާއްސަކޮށް ސްކޫލްތައް ހިންގަމުން ގެންދަންވީތޯ މިހާރު ސުވާލުކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަނގަޅީ މި ނިޒާމުތޯ ނުވަތަ އެއްގޮތަކަށް ކިޔަވައިދޭ، ހުރިހާ ނަސްލެއްގެ އަދި ހުރިހާ ދީނެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ ސްކޫލްތަކެއްތޯ ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ.

"ބައެއް ހާލަތްތަކުގައި އާބާދީގެ ނިސްބަތަށް ބަލައި ނުވަތަ ވަކި ސަރަހައްދަކަށް ބަލައި އެ ސްކޫލަކީ ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ހާއްސަ ސްކޫލަކަށް ހެދިދާނެ. އެކަމަކު އިސްކަންދޭންވީ ހުރިހާ ނަސްލެއްގެ އަދި ހުރިހާ ދީނެއްގެ ކުދިން ވެސް އެކުވެ އުޅޭ ސްކޫލްތަކަކަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މި ވިސްނުމުގައި ސަރުކާރުން މިހާރުވެސް ވަނީ ސަންޑޭ ދާމާ ސްކޫލް ފިޔަވައި ހުރިހާ ދީނީ ސްކޫލްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިކަން ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ. އަދި މުސްލިމު ވަޒީރުންގެ ވެސް ރުހުމާ އެކު، އިސްލާމީ މަދަރުސާތަކުގައި ހިންގާ ހަރަކާތްތައް އެޑިއުކޭޝަން މިނިސްޓްރީން މޮނިޓަކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރާކަން ހާމަކޮށްފައި މި ވަނީ އެ ގައުމުގެ ކްރިސްޓިއަން ފައްޅިތަކާއި ބައެއް ހޮޓާތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކަށް ފަހުގަ އެވެ. މުސްލިމުންގެ ހަރުކަށި ޖަމާއަތެއްގެ ބަޔަކު ދިން އެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ހަމަލާތަކަށް ފަހު ލަންކާގައި ވަނީ މުސްލިމުންނާ ދެކޮޅު ހަރަކާތްތައް އިތުރުވެފަ އެވެ. އަދި ކިޔަވައިދޭ ތަންތަނުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.