04 ސެޕްޓެމްބަރ 2016 - 18:58

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުންހުރި މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމާ ދެކޮޅަށް ކުރާ ޖިނާއީ ދައުވާ އަނބުރާ ގެންދަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.
ގާސިމް ހާމަކުރި ކަމަށް ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތަކެއް ބީއެމްއެލްގެ އެކައުންޓަކަށް ޖަމާކޮށްގެން އެ ފައިސާ ދައުރު ކުރި ގޮތުގެ މައުލޫމާތެވެ.
ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ތުހުމަތުގައި ދައުވާލިބޭ ގާސިމަކީ ފ. ނިލަންދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކޮށް، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި އާންމު ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާސިމް ކުރި އަމަލަކީ މުޅި މުޖްތަމައުގެ ހައްގުގައި ކުރި ކަމެއް ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އޭނާއަށް ޖެހޭނީ ހިމާޔަތް ދޭން ކަމަށެވެ. ދިވެހި ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުން ކުރަމުންދިޔަކަން ފަޅާ އަރުވާލުމަކީ ރަނގަޅު ކަމެއް ކަމަށާއި އެފަދަ ޚިޔާނާތްތައް ފަޅާ އަރުވަން ހިތްވަރު ދޭންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް ގާސިމާ ދެކޮޅަށް ކުރާ ދައުވާ އަނބުރާ ގެންދަން ޖެހެ އެވެ. ގާސިމްގެ އަމަލުތަކަކީ އޭނާއަށް ހިމާޔަތް ދޭންޖެހޭ ވަރުގެ ކަމެކެވެ. ދައުވާ ކުރަންޖެހޭ ކަމެއް ނޫނެވެ،" ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ހުންނަ ޓްރާންސްޕޭރެންސީގެ ގޮފީގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ގާސިމާ ދެކޮޅަށް ކުރާ ދައުވާއަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ ކަންކަން ފަޅާ އަރުވާލަން ތައްޔާރަށް ތިބި ފަރާތްތަކަށް އޮތް ޓެސްޓެއް ކަމަށެވެ. އެފަދަ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުންތައް ގާސިމްގެ މައްސަލައިން އެނގިގެންދާ ކަމަށް އެ ބަޔާނުގައި ޝިއުނާ ވިދާޅުވެފައިވެ އެވެ.
ގާނޫނާ ޚިލާފް ކަންކަން ހާމަކުރަން ހެޔޮ ނިޔަތުގައި ކުރާ ކަންކަމަކީ ކުށެއް ކަމަށް ނުވާނެ ކަމަށް ބޭންކިންއާ ބެހޭ ގާނޫނު ބުނާ ކަން ވެސް ޓްރާންސްޕޭރެންސީގެ އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ގާސިމްގެ ޝަރީއަތް މިހާރު ވަނީ ފަށައި، ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.