23 މެއި 2019 - 08:34

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ހާންގެ ފިލްމު "ކިކް" ގެ ދެވަނަ ބައިގެ ބަތަލާގެ ރޯލް ވަނީ ދީޕިކާ ޕަދްކޯން އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ފިލްމަށް އޭނާ ސޮއިކުރިކަން ކަށަވަރު ނުވެ އޮއްވައި، ސަލްމާން ވަނީ "ކިކް 2" އިން ވެސް ފުރަތަމަ ބައިގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ފެންނާނެކަން ޔަގީންކޮށް ދީފަ އެވެ.
މުމްބާއީ މިރާ އަށް އޭނާ ބުނީ "ދަބަންގް" ސީރީޒް ސޮނާކްޝީ ސިންހާ ނުލައި އަދި "ޓައިގާ" ފްރެންޗައިޒް ކެޓްރީނާ ކެއިފާ ނުލައި ފުރިހަމަ ނުވާ ގޮތަށް "ކިކް" ވެސް ޖެކްލިންއާ ނުލައި ފުރިހަމަ ނުވާނެ ކަމަށެވެ.
"ހަމަ ޔަގީނުން ވެސް ކިކްގެ ފިލްމުތަކުން ޖެކްލިން ފެންނާނެ. އެކަމާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް،" މިދިޔަ އަހަރު ޖެކްލިންއާ އެކު "ރޭސް 3" ކުޅުނު އެކްޓަރު ބުންޏެވެ.
"ކިކް 2" އަށް ދީޕިކާ ސޮއިކުރި ކަމަށް ބުނާ ވާހަކަތަކާ ބެހޭ ގޮތުން ސަލްމާން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޖެކްލިން އާއި ދީޕިކާ މީގެ ކުރިން ވެސް ވަނީ އެކީގައި ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގެ "ރޭސް 2" އެވެ.
އެހެންވެ "ކިކް 2" ގެ ކާސްޓްގައި ޖެކްލިން ހިމެނޭކަން ކަށަވަރުވުމަކީ ދީޕިކާ އެ ފިލްމުން ނުފެންނާނެ ކަމަށް ބަލަން ޖެހޭ ސަބަބެއް ނޫން ކަމަށް ބައެއް މީޑިއާތަކުންނެވެ.
ދެހާސް ފަނަރައިގައި ރިލީޒް ކުރި "ކިކް" އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަލަތު ޑައިރެކްޝަނެވެ. ބެލެވޭ ގޮތުން "ކިކް 2" ގެ ޝޫޓިން އަންނަ އަހަރު ފަށާނެ އެވެ.