04 ސެޕްޓެމްބަރ 2016 - 17:43

ހަރާރޭ (ސެޕްޓެމްބަރު 4) - ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ ސިއްހީ ހާލަތު ގޯސްވެ އޭނާ އަވަހާރަވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތަކަށް މުގާބޭ ރައްދު ދެއްވައިފި އެވެ.
ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު، އެނބުރިވަޑައިގެން ހަރާރޭގެ އެއާޕޯޓުގައި މި ވާހަކަތަކަށް ޖޯކު ޖައްސަވާއުމުރުން 92 އަހަރުގެ މުގާބޭ ވިދާޅުވީ "އޭނާ މަރުވި ކަމަށާއި އެކަމަކު އެނބުރި ގައުމަށް މި އާދެވުނީ އަލުން ދިރުމުން" ކަމަށެވެ.
މުގާބޭ އެނބުރި ވަޑައިގެންނެވީ ދުބާއީންނެވެ. މުގާބޭ ވިދާޅުވީ އޭނާ ދުބާއީ އަށް ވަޑައިގެންނެވީ އާއިލީ ކަމެއްގައި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ މުގާބޭ ދުބާއީ އަށް ވަޑައިގެންނެވީ ވަރަށް ބޮޑަށް ބަލިވެގެން ކަމަށެވެ. ސަދަން ޑެއިލީ ވެބްސައިޓުން ބުނެފައި ވަނީ މުގާބޭ އަށް ސްޓްރޯކެއް ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ގައުމުގެ މިހާރުގެ ވެރިއަކީ ނައިބް ރައީސް އެމާސަން މަންގަގްވާ ކަމަށެވެ.
އެނބުރިވަޑައިގެން ހަރާރޭ އެއާޕޯޓުގައި ވާހަކަ ދައްކަވަމުން މުގާބޭ ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައި ވަނީ އޭނާ ދުބާއީ އަށް ވަޑައިގެންނެވީ އަންހެން ދަރިއަކާ ގުޅޭ އާއިލީ ކަމެއްގައި ކަމަށެވެ.
"އާދެ، އާދެ، އަޅުގަނޑު މަރުވި. އެކަމަކު އަޅުގަނޑަށް އަލުން ގައުމަށް މި އާދެވުނީ އަލުން ދިރުނީމަ. އަޅުގަނޑު ގަމަށް އައީމާ މިއީ ހަމަ އަސްލު މީހާ،" މުގާބޭ އަވަހާރަވެއްޖެ ކަމަށް ފެތުރި ޚަބަރުތަކަށް ޖޯކް ޖައްސަވާ ވިދާޅުވި އެވެ.
މުގާބޭ ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގެ ވެރިކަން ކުރައްވަމުންނެވެ. އަދި 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޒިމްބާބުވޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ކޮރަޕްޝަން އާއްމުވެފައިވާ އިރު ސިޔާސީ ގޮތުން ދެކޮޅު ފަރާތްތައް ވަނީ މައިތިރިކޮށްފަ އެވެ.