29 މެއި 2016 - 12:52

ގުޅިފައިވާ ރަށްތަކަށް ފަސޭހަ އިން ދެވޭ ގޮތަށް، ތާރު އަޅައިގެން އެންމެ ރީތިކޮށް މަގެއް ހަދާފައި އޮންނަނީ އައްޑޫގަ އެވެ. އެކަމަކު ލ. އަތޮޅުގެ ހަތަރު ރަށެއް ގުޅޭ ގޮތަށް އޮންނަ ބޮޑު މަގުގައި ތާރު އަޅައި މިހާރު ނިމިފައިވާ އިރު އައްޑޫ ލިންކު ރޯޑަށް ވުރެ މާ ހިތްގައިމެވެ. ސޯޅަ ކިލޯ މީޓަރުގެ މި މަގަކީ ރާއްޖޭގައި އޮތް އެންމެ ދިގު އަދި އެންމެ ބޮޑު މަގެވެ.

ލ. ގަމާއި ފޮނަދު އާއި ކައްދު އާއި މާންދޫ ގުޅާލައި، މިދިޔަ އަހަރު ހަދަން ފެށި ލިންކު ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ބާކީ އޮތީ މަގުގައި ނިޝާން ބޯޑު ހަރުކޮށް، ގޯޅިތަކުގެ ފިނިޝިން މަސައްކަތެވެ. އެކަމަކު އަންނަ ބޮޑު އީދުގެ ކުރިން މަގު ހުޅުވާލާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. މީގެ ކުރިން ވެހިކަލްތަކުގެ ފުުރޮޅު ހަފުތާއަކު ތިން ފަހަރު ބަދަލު ކުރަން ޖެހޭނެ. ދެން ހިޔެއް ނުވޭ މި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެހެން،" ލ. ގަމު ކައުންސިލް މެމްބަރު އަސްލަމް މުހައްމަދު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މި މަގު ހަދާފައިވަނީ މަގު މެދުގައި ގަސް އިންދައި މަގުގެ ދެ ފަރާތުން ދެކޮޅަށް އުޅަނދުތައް ދުއްވޭ ގޮތަށެވެ. އޭގެ ސަބަބުން އެކްސިޑެންޓްތައް މަދުވާނެ ކަމަށް ކައުންސިލުން އުއްމީދު ކުރެ އެވެ.
"މި މަގުން ދުއްވާލާފައި ދާއިރު ހީވާނީ ބޭރު ގައުމެއްހެން. ވަރަށް ރީތި ވާނެ،" އަސްލަމް ވިދާޅުވި އެވެ.
ކައުންސިލްގެ އުއްމީދަކީ މި މަގުގެ ސަބަބުން، އެ އަތޮޅުގައި ދިރިއުޅެން ދާ މީހުންގެ އަދަދު އިތުރުވުމެވެ. އެއީ އެ އަތޮޅަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވެސް އެ ތަނުން ދެކެ އެވެ.
ލާމު ލިންކު އޮންނަ ގޮތަށް ބަލާއިރު މަގު ފެށޭނީ ވެރިކަން ކުރާ ރަށް ފޮނަދޫންނެވެ. އެ އަށް ފަހު ކޯޒްވޭއަކުން، އެއާޕޯޓު އޮންނަ ކައްދުއާ ގުޅައިލާ އިރު ދެން ޖެހޭނީ މަސް ފެކްޓަރީއެއް ހިންގާ މާންދުއާ އެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުގެ މީހުން ދިރިއުޅޭ ސަރަހައްދަށް ދެވޭނީ ވަރަށް ދުރަށް ދަތުރު ކުރުމަށް ފަހު އެވެ.
ލާމު ލިންކު، އައްޑޫ ލިންކު ރޯޑަށް ވުރެ ދެ ގުނަ ފުޅަލެވެ. އަދި މަގުގެ ދެ ފަޅިން ދެކޮޅަށް ދުއްވޭ ގޮތަށް ހަދާފައި އޮތުމަކީ އެ މަގުގެ އެންމެ ހާއްސަ ސިފަ އެވެ.