22 މެއި 2019 - 14:54

ތެހެރާން (މެއި 22) - ހަނގުރާމަ މަތީ މަނަވަރުތައް ގަލްފަށް ޖަމާކޮށް އެމެރިކާ އިން ދަނީ "ނުރައްކާތެރި ގޭމެއް" ކުޅެމުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދު ޒަރީފް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތަކާއި ބޮން އަޅާ ބޯޓު ފަހަރު ގަލްފަށް ޖަމާކުރަމުން ދަނީ އީރާނުން ކުރިމަތިކުރާ ބިރުތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު މައްސަލަ އުފެދިފައި ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަކިވި ހިސާބުންނެވެ. އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައިފަ އެވެ.
ޒަރީފް ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި އީރާނުގެ ނިޔަތް ރަނގަޅު ކަމަށެވެ.
"އެއްވެސް ބަޔަކަށް އީރާނަށް ބިރުދައްކައި ވަކި ކަމެއް ކުރާކަށް މަޖްބޫރެއް ނުކުރެވޭނެ. ކަންކަން ކުރަން ޖެހޭނީ އިހްތިރާމާ އެކު. ބިރު ދައްކައިގެން ނޫން،" ޒަރީފް ވިދާޅުވި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހޫނުވެފައިވާ މައްސަލަ ހައްލު ކުރަން އިރާގުން ވަނީ އިސްނަގައިފަ އެވެ. އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ އިއްޔެ ވިދާޅުވީ ވޮޝިންޓަނަށާއި ތެހެރާނަށް ޑިޕްލޮމެޓިކް ވަފުދެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.