22 މެއި 2019 - 12:16

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އެޅޭ ފިޔަވަޅެއް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަށް އާންމުންނާއި މުޖްތަމައުގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކިޔަވާ ކުދިންނާއި ޖަމާއަތްތަކާއި ވިޔަފާރިތައް އަދި ސަރުކާރުގެ މުއާސަސާތަކުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމުގެ ދަށުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 3:00 އާ ހަމައަށް އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް ފޮތް ހަދިޔާ ކުރެވޭނެ އެވެ. ނަމަވެސް ހުކުރު ދުވަހު ފޮތް ހަދިޔާ ކުރަން ކަނޑައަޅާފައި ވަނީ ރޭގަނޑު 9:00 އިން 11:00 އާ ހަމައަށް އެކަންޏެވެ.
މި ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ގެންދެވިއްޖެ ނަމަ އެ މިނިސްޓްރީން ބޭނުންވާ ވަރަށް ފޮތް ލިބި، ހުރިހާ ޖަލުތަކެއްގައި ވެސް އެކަށީގެންވާ ވަރުގެ ލައިބްރަރީ ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ގައިދީން ޖަލުގައި ރިހެބިލިޓޭޓް ކުރެވި، އުންގައްނައިދެވި، މުޖްތަމައުއަށް ނެރެވިގެންދާ އިރުގައި މުޖްތަމައުގެ ތެރެއަށް ހެޔޮ ބަދަލެއް ގެންނަ ފަދަ ގޮތެއްގައި ގައިދީން ނެރެވިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެކެވެ. ގައިދީންނާ މެދު ކަންތައް ކުރެވޭ ގޮތް މިހާރަށް ވުރެ ރަނގަޅު ކުރަން މިނިސްޓްރީން ވަނީ މަސައްކަތްކުރާ ގައިދީންނަށް ދޭ މުސާރަ އިތުރުކުރަން ނިންމާފަ އެވެ.