09 ޖޫން 2019 - 15:45

އެންމެ ފުރަތަމަ އިންސާނަކު ހަނދަށް ދިޔަތާ 50 އަހަރު ފުރުން އަނަންތަރާ ކިހަވައް ރިސޯޓުގައި ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފި އެވެ.

އިންސާނަކު އެންމެ ފުރަތަމަ ހަނދަށް ގޮސްފައިވަނީ ޖުލައި 20، 1969ގަ އެވެ. މި ތާރީހީ ހާދިސާ އަށް 50 އަހަރު ފުރުން އަންނަތަރާ ކިހަވައް ރިސޯޓުގައި ފާހަގަކުރާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

"އީގަލް ހޭޒް ލޭންޑެޑް"ގެ ނަމުގައި ފާހަގަ ކުރާ މި ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރިސޯޓުގެ ހުރިހާ ޓޫރިސްޓުންނަށް ރާއްޖޭގެ ދުވަސްވީ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ހުސައިން ޝަމީމް އާއެކު ހެނދުނުގެ ނާސްތާ ނެގުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. މި ނާސްތާގެ ތެރޭގައި ފަލަކީ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ހުސައިން ޝަމީމް ދޭނެ އެވެ.
ހުސައިން ޝަމީމްއަކީ ކުޑަ އިރުއްސުރެ ތަރިތަކަށް ބަލައިގެން ދަތުރުފަތުރުކޮށް އުޅުނު މީހެކެވެ. އޭނާ ވަނީ އިޓަލީގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ޑރ. މަސިމޯ ތަރެންހީ ކައިރިން ފަލަކީ އިލްމު އުނގެނިފަ އެވެ.
ޓޫރިސްޓުންނަށް އެ ރިސޯޓުގައި ބަހައްޓާފައި ހުންނަ ޓެލެސްކޯޕުން ހަނދާއި ތަރިތައް ބަލާލުމުގެ ފުރުސަތު،
ނާސްތާ އަށް ފަހު ލިބޭނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަ ޖެހިފައިވަނީ ފަތިސް ގަޑީގަ އެވެ.
އަނަންތަރާ ކިހަވައް ރިސޯޓުން ވަނީ "ސްކައި"ގެ ތަރިތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އޮބްޒަވޭޓަރީއެއް ހަދާފަ އެވެ. "އެސްޓްރޯނަމަރުންގެ ސުވަރުގެ" ގޮތުގައި ސިފަކޮށްފައިވާ މި އޮބްޒަވޭޓަރީ ހުންނަނީ އުޑު މަތި ސާފުކޮށް ބަލާލެވޭނެ ހެން ޑިޒައިން ކޮށްފަ އެވެ. އަދި މި އޮބްޒަވޭޓަރީގައި ތަރިތައް ސާފުކޯށް ބަލާލެވޭނެހެން ޓެލެސްކޯޕެއް ވެސް ވަނީ ބަހައްޓާފަ އެވެ.
ހަނދަށް އެންމެ ފުރަތަމަ މީހަކު ދިޔަތާ 50 އަހަރު ފާހަގަކުރާއިރު އެންމެ ފުރަތަމަ ހަނދަށް ގޮސްފައިވަނީ ނީލް އާމްސްޓްރޯންގް އާއި ބަޒް އަލްޑްރިން އެވެ.