ޔުއެފާ ރައީސްގެ އިންޒާރު: އަދަބުދޭން ބިރެއް ނުގަނޭ!
ޔުއެފާ ރައީސްގެ އިންޒާރު: އަދަބުދޭން ބިރެއް ނުގަނޭ!

ނިޔޯން، ސްވިޒަލެންޑް (މެއި 22) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ އެ ނޫން ވެސް ޔުއެފާ އިން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވާ ޓީމުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޔުއެފާ އިން ބިރެއް ނުގަންނާނެ ކަމަށް އެ އިދާރާގެ ރައީސް ސްލޮވީނިއާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.

އެފްއެފްޕީ ގަވާއިދާ މެންޗެސްޓާ ސިޓީން ހިލާފުވެފައިވާތީ އެ ޓީމު ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، މީގެ ކުރިން ވެސް އެ ފަދަ ވާހަަކަތަކެއް ދެކެވި ގިނަ ކްލަބްތައް ވަނީ އަދަބުން ލުޔެއް ހޯދައި ސަލާމަތްވެފަ އެވެ. އަދި ޕީއެސްޖީ ފަދަ ކްލަބްތަކަށް އަދަބުދޭން ޔުއެފާ ޖެހިލުންވާ ކަމަށް ބައެއް މީޑިއާތަކުންނާއި ފުޓްބޯޅަ އެނަލިސްޓުން ތުހުމަތުކުރެ އެވެ.

އެ ތުހުމަތުތަކާ ބެހޭގޮތުން މީގެ ކުރިން ޔުއެފާގެ ރައީސް ކެފެރިން މާ ބޮޑެތި ވާހަކަތަކެއް ނުދައްކަވަ އެވެ. މީގެ ކުރިން ކެފެރިން ވަނީ އެފްއެފްޕީ ގަވާއިދުތައް ހެދިފައި އޮތީ މަކަރުހަދާ ކްލަބްތަކަށް ވަރަށް ބޮޑަށް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ކަމަށާއި އޭގެ އަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކެފެރިން ވަނީ ވަކިވަކި ޓީމުތަކާ ދެކޮޅަށް ކުރިއަށްދާ ތަހުގީގުތަކާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ ކްލަބްތަކަށް އިންޒާރެއް ދީފަ އެވެ.

"ބައެއް ފަހަރު އަހަރެމެން ހަނދާން ނެތޭ ކިހާ ދަށުދަރަޖައިގެ އަމަލުތައް މި ކުޅިވަރު (ފުޓްބޯޅަ)ގައި ހިނގާކަން. ރަނގަޅަށް ކަންތައްތައް ކޮށްފިއްޔާ ނުޖެހޭނެ ކަމަކާ އެއްވެސް ކްލަބަކުން ޖެހިލުވާން. ކްލަބްތަކުން އުސޫލުން ބޭރުގެ ވިޔަފާރިތަކުގައި ބައިވެރިނުވެ ކޮރަޕްޝަންގެ އަމަލުތައް ނުހިންގާ ކުރިއަށްދާނަމަ އެކަން ހުރިހާ ބަޔަކު ބަލައިގަންނާނެ. އެކަމަކު ގަވާއިދަކަށް ބެލުމެއްނެތި އަމިއްލަ ފައިދާ އަށް ވިސްނައިގެން ކުރިއަށްދާނަމަ ޔުއެފާ އިން އަދަބުދޭން ފަހެއް ނުޖެހޭނެ. ބިރު ގަންނަން ޖެހޭ ސަބަބެއް ވެސް ނެތް،" ކެފެރިން ވިދާޅުވި އެވެ.

އެފްއެފްޕީއާ ހިލާފުވެގެން ޔުއެފާ އިން ވަނީ 2014 ވަނަ އަހަރު ވެސް ސިޓީ އަށް އަދަބުދީފަ އެވެ. އެ ފަހަރު ސިޓީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީ އެވެ. އޭގެ އިތުރުން އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރި އެވެ.

ކެފެރިން ވިދާޅުވީ ފުޓްބޯޅައިގައި ކަންތައްތައް މިހާރު އޮތީ ވިޔަފާރީގެ ތެރެއަށް ވަދެފައި ކަމަށާއި އޭގެ ސަބަބުން މި ކުޅިވަރަށް ލިބެން ޖެހޭ ކުރިއެރުން އެންމެ ރަނގަޅު ގޮތުގައި ނުލިބޭ ކަމަށެވެ. އަދި އެ ކަންތައްތައް ރަނގަޅު ކުރެވޭނީ ހަމަހަމަކަން ގާއިމްކުރެވިގެން ކަމަށާއި މީގެ އެންމެ މުހިއްމު ކަމަކީ ހުރިހާ ކްލަބެއްގެ ވެސް ރައްކާތެރިކުރެވޭ ގޮތަށް އިދާރާތަކުން އަމަލުކުރުން ކަމަށެވެ.

"ޔުއެފާ އިން އެއްވެސް ކްލަބެއް ތަފާތެއް ނުކުރާނެ." އިތުރު ދައުރަކަށް ދާދި ފަހުން އިންތިހާބުވެވަޑައިގެންނެވި ކެފެރިން އިތުބާރާ އެކު ވިދާޅުވި އެވެ.

ޔޫރަޕްގެ މައި ދެ ކްލަބް ފުޓްބޯޅަ މުބާރާތް ކަަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ބަދަލުތަކެއް ގެންނަން ޔުއެފާ އިން އަންނަނީ މަޝްވަރާކުރަމުންނެވެ. ކެފެރިން ވިދާޅުވީ ބަދަލުތައް ގެންނާނީ ޔޫރަޕްގެ ހުރިހާ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތައް ބައިވެރިކޮށްގެން ކުރިއަށްގެންދާ ބައްދަލުވުންތަކަށް ފަހު ކަމަށެވެ.