05 ޖޫން 2019 - 08:06

ބައެއް މީހުން ވަކި ކަމަކުން ހާއްސަ ވަނީ އެކަމަށް ނިޔަތްގަނެގެން، ކުރިންސުރެ އުއްމީދުތަކެއް ކޮށްގެންނެއް ނޫނެވެ. ވަކި ކަމެއް ކުރާ ތަނެއްގައި އުޅެން ފެށުމުން ވެސް ޝައުގުވެރިކަން އުފެދި އެ ދާއިރާއަށް ވަދެވެ އެވެ. އައިޝަތު ޔޫލިއާ ލަތީފް (ޔޫލީ) އަކީ އެފަދަ ނަމޫނާއެކެވެ.

އަމީނިއްޔާ އިން 1999 ގައި އޯ ލެވެލް ނިންމުމަށް ފަހު އޭނާ މަސައްކަތް ފެށީ ރާއްޖޭގައި އޭރު ވަަރަށް މަދު މީހަކަށް ނޫނީ ނޭނގޭ ކަމެއް ކުރަމުން ދިޔަ ކްލިނިކެއްގަ އެވެ: އެކުއަޕަންޗާ ނުވަތަ ކަށި ހަރައިގެން ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދިން ކްލިނިކެވެ. އެތަނުގެ ބާނީއަކީ އެދުވަސްވަރު މަޝްހޫރު ނަމެއް ކަމަށްވާ އާބިދާ ވާފިރެވެ.

އެކުއަޕަންޗާގެ ފަރުވާ އެކި މީހުންނަށް އާބިދާ ދެއްވަމުން ގެންދެވި އިރު ޔޫލީއަށް އެ މަންޒަރު ފެނެ އެވެ. އޭރު އޭނާ އުޅުނީ ކްލިނިކްގެ ރިސެޕްޝަންގަ އެވެ. އެކަމަކު ކަސްޓަމަރުންނަށް އެހީވާ ރިސެޕްޝަންގައި ހަމައެކަނި އިނުމުގެ ބަދަލުގައި ޔޫލީ ފެށީ، އާބިދާ ކައިރިން ތަމްރީންވާށެވެ. މިހާރު އޭނާ ވަނީ ސްރީ ލަންކާއިން އެކުއަޕަންޗާ ތެރަޕީން ޑިޕްލޮމާ ވެސް ހަދައިފަ އެވެ.

ހެލްތު މިނިސްޓްރީގައި ތެރަޕިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ޔޫލީ ފަރުވާ ދެމުން ގެންދަނީ އޭނާގެ އަމިއްލަ ގޭގަ އެވެ. އޭގެ އިތުރުން ދޭތެރެ ދޭތެރެއިން ރިސޯޓްތަކަށް ދަތުރުކޮށްގެން ވެސް އެ ފަރުވާދެ އެވެ.
"ވަރަށް ގިނައިން ވާ ގޮތެއް މިއީ، ހުރިހާ އެއްޗެއް ޓްރައިކޮށް ނިންމާފައި މި ފަރުވާ ހޯދަން އަންނާނީ،" ސޮނެވާފުއްޓާއި ޓީއެމްއޭ ވީއައިޕީ ލައުންޖުގައި ވެސް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރި ޔޫލީ ބުންޏެވެ.
އެކަމަކު އެގޮތަށް އަންނަ މީހުންނަށް އޭނާގެ ފަރުވާ އިން ފަސޭހަ އިހުސާސްވުމަކީ އެންމެ ބޮޑު ހިތްވަރެވެ.
"ވަރަށް ގިނަ މީހުން އެބަހުރި ރަނގަޅުވެފައި. ފަރުވާއާ މެދު އެ މީހުން ވަރަށް ހިތްމަޖެހޭ،" އުމުރުން 37 އަހަރުގެ ޔޫލީ ބުންޏެވެ.
ނަމަވެސް ޔޫލީގެ އަސްލު ވަޒީފާ އޮތީ ގްލޯފިޓްގަ އެވެ. ތެރަޕިސްޓެއްގެ ގޮތުން އޭނާ ފަރުވާދެނީ ގްލޯ ފިޓްގެ ރިސެޕްޝަނިސްޓެއްގެ ޒިންމާ އަދާކުރަމުން ލިބޭ ހުސް ވަގުތުތަކުގަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ދެތިން މީހަކަށް ފަރުވާދެ އެވެ. ކިތައްމެ ބުރަކޮށް އުޅުނު ކަމަށް ވިއަސް ތެރަޕިސްޓެއްގެ ގޮތުން މީހަކަށް ފަރުވާދިނުމަކީ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ގްލޯފިޓުގެ ޑިއުޓީ ހެނދުނު އޮންނަ ނަމަ ޔޫލީގެ ފަރުވާ ފަށަނީ މެންދުރުފަހު އެވެ. ރަސްމީ ވަޒީފާާގެ މަސައްކަތް އޮންނަނީ މެންދުރުފަހު ނަމަ ހެނދުނުގެ ވަގުތު ހުސްކުރަނީ އޭނާ ކައިރިއަށް އަންނަ ބަލިމީހުންނަށެވެ.
އެކުއަޕަންޗާގެ އިތުރުން އެރޯމަ ތެރަޕީގެ ހުނަރު ވެސް ޔޫލީ ވަނީ ދަސްކޮށްފަ އެވެ. ގައިގައި ތެޔޮ އުނގުޅައިގެން ދޭ މި ފަރުވާ އޭނާގެ ކައިރިން މިހާރު ވެސް އެތައް ބަޔަކު ހޯދަ އެވެ.
ޔޫލީ ބުނާ ގޮތުގައި ރޯގާ އާއި ތަންތަނުގައި ރިއްސުމާއި އެންޒައިޓީ އާއި ޑިޕްރެޝަނަށް ވެސް އެރޯމާ ތެރެޕީން ފަސޭހަތަކެއް ލިބޭނެ އެވެ.
ޔޫލީ ހާއްސަވެފައިވާ އަނެއް ދާއިރާއަކީ ފައިގެ ދަށް ފުށަށް ހާއްސަ ފަރުވާތަކެއް ދޭ ރިފްރެކްސްރޮލޮޖީ އެވެ.
މި ހުރިހާ ކަމަކަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނެސް، ޔޫލީ ގެންދަނީ އޭނާގެ ހުސް ވަގުތުތަކުގައި އެތައް ބަޔަކަށް ފަސޭހަތައް ދެމުންނެވެ. އޭނާ ބުނާ ގޮތުން އެއީ ހަމައެކަނި އޭނާ ކައިރިއަށް އަންނަ މީހުންނަށް ލިބޭ އުފަލެއް ވެސް ނޫނެވެ. އެހެން މީހަކަށް ހިތްހަމަޖެހޭ ފަަދަ ފަރުވާއެއް ދެވޭތީ އޭނާ ވެސް އުފާވާ ކަމަށް ބުންޏެވެ.
"ވަރަށް ރަނގަޅު ފީޑްބެކް ލިބޭ ޕޭޝަންޓުންގެ ފަރާތުން،" ޔޫލީ ބުންޏެވެ.
އޭނާ ކައިރިން އެންމެ ގިނަ މީހުން ފަރުވާ ހޯދަނީ ގައިގައި ރިއްސުން ފަދަ މައްސަލަތަކަށެވެ. މަސްތަކުގައި ރިއްސުމާއި ބުރަކައްޓަށާއި އަތަށާއި ފަޔަށް ތަދުވުމުގެ މައްސަލަތައް ދިމާވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
ޔޫލީގެ އުއްމީދުތައް ހުރީ އޭނާގެ މަަސައްކަތުން އަމިއްލަ ފައި މައްޗަށް ތެދުވާށެވެ.
"އެގޮތުގައި މި މަސައްކަތް ކުރަނީ،" ޔޫލީ ބުންޏެވެ.