ވޮލީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ޖައްލަ ވަކިވެއްޖެ
ވޮލީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ޖައްލަ ވަކިވެއްޖެ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޖަލީލް (ޖައްލަ) އިސްތިއުފާދީފި އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްއާ ގާތްގުޅުމެއް އޮންނަ ޖައްލަ މަގާމުން ވަކިވީ ލީޑަޝިޕާ މައްސަލަތަކެއް ޖެހިގެން ނޫން ކަމަށާއި އެއީ ވޮލީބޯޅަ ކޯޗިން އަށް ވަގުތު ހުސް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ. އޭނާގެ އަމާޒަކީ ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި ގިނަ ކުޅުންތެރިންތަކަށް ފުރުސަތު ހޯދައިދިނުން ކަމަށްވާއިރު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރެ އެކަން އެންމެ ބޭނުންވާ މިންވަރަށް ނުކުރެވޭކަން ޖައްލަ ފާހަގަކުރި އެވެ.

ޖައްލަ ބުނީ ދެން އޭނާ ފެންނާނީ އުމުރުފުރާ ޓީމުތަކުގެ ކޯޗުގެ މަގާމުން ކަމަށެވެ. މީގެ ކުރިން ވެސް ޖައްލަ ވަނީ އަންހެން ގައުމީ ޓީމުގައި ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ވޮލީބޯޅައިގެ ރައީސް ކަމަށް 2016 ވަަނަ އަހަރު ލަތީފް އިންތިހާބުވެވަޑައިގަތް ފަހުން އެ އެސޯސިއޭޝަނުގެ އެކި މަގާމުތަކުގައި ތިބި ގިނަ ފަރާތްތަކެއް ވަނީ އިސްތިއުފާދީފަ އެވެ. އެ ގޮތުން ނައިބު ރައީސާއި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމު ފަދަ މުހިއްމު މަގާމުތަކުގައި ތިބި އެކި މީހުން ވަނީ ވަކިވެފަ އެވެ.

އެކަމާ ބެހޭގޮތުން މީގެ ކުރިން ލަތީފް ވިދާޅުވީ، ވީއޭއެމްގެ މަގާމުތަކުން ދުރަށް ދިޔަ ގިނަ ފަރާތްތަކުން ވަކިވީ ހަވާލުވި ޒިންމާ އަދާނުކުރެވިގެންކަމަށާއި ހަވާލުވާ މަސައްކަތްތައް ނުކުރެވޭ ފަރާތްތައް އަމިއްލަ އަށް ނުކުރެވުމުން އެކަން ރަނގަޅުކުރަން ނިންމަން ޖެހުނު ކޮންމެ ނިންމުމެއް ނިންމާނެ ކަމަށެވެ.

ލަތީފް މަގާމުގައި ހުރެގެން ރާއްޖޭގެ ވޮލީބޯޅަ އަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި ވީއޭއެމްގެ ލީޑަޝިޕަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް މީގެ ކުރިން ލަތީފާއެކު ވީއޭއެމްގައި މަސައްކަތްކުރި ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި އެ މަސައްކަތް ވޮލީބޯޅަ އާއިލާގައި ހިމެނޭ އިސް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.