04 ސެޕްޓެމްބަރ 2016 - 16:28

ވޮޝިންޓަން (ސެޕްޓެމްބަރު 4) - އެމެރިކާގެ ޖައްވީ އެޖެންސީ ނާސާގެ ޖޫނޯ އިން ނަގާފައިވާ ޖުޕިޓާގެ ކައިރި ފޮޓޯތަކެއް އާއްމުކޮށްފި އެވެ.

ޖޫނޯ އިން ވަނީ ޖުޕިޓާގެ ދެ ޕޯލްގެ ކައިރިން ފޮޓޯ ނަގައިފަ އެވެ. މީގެ ކުރިން މިހާ ކައިރިން ނެގި ފޮޓޯތަކެއް އާއްމުކޮށްފައެއް ނުވެ އެވެ. ޖުޕިޓާގެ މަތިން 4،200 ކިލޯ މީޓަރު ދުރުން ނަގާފައިވާ ފޮޓޯތައް ނާސާ އިން މިހާރު ވެސް ދަނީ އެނަލައިޒް ކުރަމުންނެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ސްކޮޓް ބޯލްޓަން ވިދާޅުވީ މިހާރު ވެސް އާ ކަންތައްތައް ފެންނަމުންދާ ކަމަށެވެ. ޖުޕިޓާގެ ނޯތު ޕޯލުގެ ނޫ ކުލަ އެ ޕްލެނެޓުގެ އެހެން ބައިތަކަށް ވުރެ ގަދަ ކަމަށާއި މިއީ ކުރިން ފާހަގަ ނުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ޖުޕިޓާއާ ހަމައަށް ފޯރި ޖޫނޯގެ ބޭނުމަކީ އެންމެ ބޮޑު ޕްލެނެޓާ ބެހޭ މައުލޫމާތު އެއްކުރުމާ އެކު ސޯލާ ސިސްޓަމްގެ ހަގީގަތްތައް ދެނެގަތުމެވެ. އަދި ޖުޕިޓާގެ އެޓްމޮސްފިއާގައި ހިމެނޭ މަޝްހޫރު ގްރޭޓް ރެޑް ސްޕޮޓާ ބެހޭ މައުލޫމާތު ވެސް އެއްކުރާނެ އެވެ.