22 މެއި 2019 - 08:31

އަހަރެމެން "ޑީޖޭއައި" ދަންނަނީ ޑްރޯން އުފައްދާ ކުންފުންޏެއް ގޮތުގަ އެވެ. ޖާސޫސްކުރާ ބައެއް ގޮތުގައެއް ނޫނެވެ. އެކަމަކު، މިއީ ވެސް އެމެރިކާ ވަރަށް ބިރުގަންނަ ކުންފުންޏެކެވެ. ޑީޖޭއައި ޑްރޯންތަކުން ޗައިނާ އަށް "ފްލައިޓް ޑާޓާ" ފޮނުވާ ކަމަށް ބުނެ، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑީޖޭއައި ޓެކްނޮލޮޖީޒް އަކީ ޗައިނާ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ ބާރުގަދަ ކެމެރާތަކާ އެކު ޑްރޯން އުފެއްދުމެވެ. ޑީޖޭއައި ޑްރޯންތައް އުދުހި ދާއިރު، ފެންނަހާ އެއްޗެއް ރެކޯޑްކޮށް އަދި ބައެއް ޑްރޯންތަކުން ބްރޯޑްކާސްޓް ވެސް ކުރެ އެވެ.
ޗައިނާ ކުންފުންޏަކުން އުފެއްދި ނަމަވެސް އަދި އެމެރިކާ ކުންފުންޏަކުން އުފެއްދި ނަމަވެސް، އިލެކްރޯނިކް އާލާތްތަކުން "މެއިންޓަނަންސް ޑާޓާ" ނުވަތަ މަރާމާތަށް ބޭނުންވާ މައުލޫމަތު އެއްކުރެ އެވެ. އަދި އެ މައުލޫމާތު، އެ އާލާތެއް އުފެއްދި ކުންފުންޏަކަށް، އިންޓަނެޓަށް ގުޅިފައި ހުރި ނަމަ، އޮޓަމެޓިކުން ފޮނުވަ އެވެ.
ޖަރުމަނުން ދާދި މިދާކަށް ދުވަހު ކުރި ދިރާސާއަކުން ވަނީ ސިސްކޯ ނެޓްވޯކް ސްވިޗްތަކުން ވެސް މައުލޫމަތު އެއްކޮށް ސިސްކޯ އަށް ފޮނުވާކަން ކަށަވަރުކޮށްފަ އެވެ. ސިސްކޯ އަކީ އެމެރިކާ ކުންފުންޏެވެ.
ޑީޖޭއައި ޑްރޯންތައް އެމެރިކާގައި ވަރަށް ގިނަ އެވެ. މިލިޓަރީ ބޭނުންތަކަށް އަދި ސިއްހީ ދާއިރާގައި ވެސް ބޭނުންކުރެ އެވެ. "ޑްރޯން ޑެލިވަރީ" އަށް ކުންފުނިތަކަށް ޚާއްސް ޑްރޯންތައް، ޑީޖޭއައި އިން އުފައްދަ އެވެ.
އެމެރިކާގެ ކަންބޮޑުވުމަކީ، ޑީޖޭއައި ޑްރޯންތައް އެމެރިކާ މަތިން އުދުހޭއިރު، އެއްކުރާ މައުލޫމާތު ޗައިނާ އަށް ފޮނުވާފާނެތީ އެވެ. އަދި އަމިއްލަ ފަރުދުން ގެންގުޅޭ ޑްރޯންތަކުން އެއްކުރާ ޒާތީ މައުމޫމާތުތައް ވެސް ޗައިނާގެ އަތުޖެހިދާނެތީ އެވެ.
ޑީޖޭއައި އިން ބުނާ ގޮތުގައި އެ މީހުން ތިބީ އެމެރިކާ ޝައްކު ފިލާ ވަރަށް އެހީތެރިވެދޭ ގޮތަށެވެ. އެ ކުންފުނީގެ ކޮންމެ ޑްރޯން އަކީ ވެސް ބޭނުންކުރާ މީހުން ބޭނުން ގޮތަކަށް ޕްރޮގްރާމްކުރެވޭ އުޅަނދުތަކެއް ކަމަށް ބުންޏެވެ. ފްލައިޓް ޑާޓާ އެއްނުކުރާ ޑީޖޭއައި ޑްރޯންތައް މިހާރު ވެސް މާކެޓްގައި ހުރިކަން ފާހަގަކުރަމުން ޑީޖޭއައި އިން ބުނީ އެކަން ކަށަވަރުކުރަން އެދޭ ބަޔަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެމެރިކާގެ ހޯމްލޭންޑް ސެކިޔުރިޓީން ޑީޖޭއައި ޑްރޯންތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އޮތް ސުވާލަކީ ޗައިނާގެ ޒީޓީއީ އަދި ވާވޭ އަށް ދަތިކުރި ފަދައިން ޑީޖޭއައި އަށް ދަތިކޮށްފާނެ ބާ އެވެ.