ލާއޮސް-ރާއްޖެ މެޗު ޕްރޮމޯޓްކުރުމަށް ޒުވާނުންގެ ހާއްސަ ހަރަކާތެއް
ލާއޮސް-ރާއްޖެ މެޗު ޕްރޮމޯޓްކުރުމަށް ޒުވާނުންގެ ހާއްސަ ހަރަކާތެއް

އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ލާއޮސްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗު ޕްރޮމޯޓްކޮށް ސަޕޯޓަރުން އިތުރުކުރުމަށް ޒުވާނުންތަކެއް އިސްނަގައިގެން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

ފަހަކަށް އައިސް ގައުމީ ޓީމުތަކުގެ މެޗުތަކަށް ވެސް ދަނޑަށް އެކަށީގެންވާ އަދަދަށް ސަޕޯޓަރުން ނުވަންނައިރު، އެކުވެރިކަމުގެ މެޗެއްގައި ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ވަދެ ތިބީ ދެހާހެއްހާ ދިވެހިންނެވެ. އެ މެޗަށް ބަންގްލަދޭޝްގެ 8000 ސަޕޯޓަރުން ވަނެވެ.

ހަތް ވަރަކަށް ޒުވާނުން ހިމެނޭ އެ ގްރޫޕާއި އިތުރު ބަޔަކު ގުޅިގެން އެފްއޭއެމްގެ ސަޕޯޓާ އެކު މިއަދު ހަވީރު އަދި މާދަމާ ހަރަކާތްތަކެއް ބާއްވާނެ އެވެ. އެގޮތުން ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރު ސަރަހައްދުގައި އިންސްޓްގްރަމް ބޯޑާ އެކު ފޮޓޯ ނެގުން އޮންނާނެ އެވެ.

އެފްއޭއެމްގެ އެހީއާ އެކު އެ ގްރޫޕުން މެޗުގައި ބޭނުންކުރާނެ ބެނާ އާއި ދިދައިގެ އިތުރުން ސްކާފް ހެދުމުގެ މަސައްކަތް ވެސް މިރޭ ފަށާނެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މެޗު އޮތްކަން އަދިވެސް ގިނަ ބަޔަކަށް ނޭގޭ. އެހެންވެ ބޭނުންވަނީ މެޗު ޕްރޮމޯޓްކޮށް ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވެއްދުން،" ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ސޫދު ފާރޫގް ބުންޏެވެ.

މެޗުގެ އިވެންޓް ފޭސްބުކުގައި ކްރިއޭޓްކޮށްފައިވާއިރު، އެ ގްރޫޕުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މެޗުގެ ފޯރިގަދަކުރަމުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ރާއްޖެ އަށް މޮޅުވުން މުހިއްމު މެޗުގެ ޓިކެޓް މިއަދު ހަވީރު 4 ޖަހާއިރު ގަލޮޅު ދަނޑުން ވިއްކަން ފަށާނެ އެވެ. ސިޑިބަރިން 50ރ. އަށް ޓިކެޓެއް ވިއްކާއިރު ގޮނޑިބަރިން ވިއްކުމަށް ހަމަޖެހިފައިވަނީ 100ރ. އަށެވެ.