21 މެއި 2019 - 14:49

އީދާ ދިމާކޮށް އިންޑިއާގެ ޗެންނާއީ އަށް ދަތުރު ކުރާ ފަރާތްތަކަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.
މޯލްޑިވިއަނުން ތައާރަފު ކުރި މި ޕެކޭޖުގެ ދަށުން 2 މީހަކަށް 675 ޑޮލަރު (10،400ރ.) އަށް ޗެންނާއީ އަށް ދެވޭނެ އެވެ. މީގެ އިތުރުން މި ޕެކޭޖުގެ ދަށުން ތިން ރޭގެ ހުރުން ވެސް ހިލޭ ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މީގެ ކުރިން ރާއްޖެ އިން ޗެންނާއީ އަށް އެންމެ މީހެއްގެ ޓިކެޓްގެ އަގު އުޅެނީ 260 ޑޮލަރު (4،000ރ.) އިން މަތީގަ އެވެ. މޯލްޑިވިއަނުން އީދާ ދިމާކޮށް އަގުހެޔޮ ޕެކޭޖެއް މި ތައާރަފްކުރީ އީދަށް ގިނަ މީހުން ޗެންނާއީ އަށް ދަތުރު ކުރާތީ އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ 675 ޑޮލަރަކީ ޕެކޭޖް ފަށާ އަގު ކަމަށެވެ. އެ އަގުތަކަށް ބަދަލު އަންނާނީ ދެ މީހުންނަށް ވުރެ ގިނަ މީހުން ދަތުރު ކުރުމާއި ތިން ރެއަށް ވުރެ އިތުރަށް ޗެންނާއީގައި ހޭދާކުރާ ނަމަ އެވެ.
"އީދު ކަހަލަ މުނާސަބަތެއް ފާހަގަ ކުރުމަށް އާއިލާ އެއްކޮށް ނުވަތަ ދެ މީހުންނަށް ވުރެ ގިނަ މީހުން ދާ ކަމުގައި ވާނަމަ އަޅުގަނޑުމެން އެ ފަރާތްތަކަށް ރަނގަޅު ގޮތެއް ހަދައި ދޭނަން. އަދި ތިން ރެއަށް ވުރެ ގިނައިން ޗެންނާއީގައި މަޑު ކުރާ މީހުންނަށް ވެސް ހެޔޮ އަގެއް ކަނޑައާޅަނަން،" މޫސަ ބުންޏެވެ.
މޯލްޑިވިއަންގެ މި ޕެކޭޖުގެ މުއްދަތު އަންނަ ޖޫން މަހުގެ 21 އަށް ހަމަވާ އިރު އެ ޕެކޭޖުގެ ދަށުން ޓިކެޓް ބުކް ކުރާ ފަރާތްތަކަށް ޖޫން 30 އާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ.