ބޮމުގެ ހަމަލާގައި ޒަހްރާން މަރުވިކަން ޑީއެންއޭ ޓެސްޓުން ޔަގީންކޮށްފި
ބޮމުގެ ހަމަލާގައި ޒަހްރާން މަރުވިކަން ޑީއެންއޭ ޓެސްޓުން ޔަގީންކޮށްފި

ކޮލަމްބޯ (މެއި 21) - ޝަންގްރިއްލާގައި ދިން ބޮމުގެ ހަމަލާގައި ޒަހްރާން ހާޝިމް މަރުވިކަން ޑީއެންއޭ ޓެސްޓުން ޔަގީންކުރެވިފައިވާ ކަމަަށް ގަވަރްމަންޓް އެނަލިސްޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން މަރުވެފައި ވަނީ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގަ އެވެ. އޭނާއާ އެކު އެ ހޮޓަލަށް އަމިއްލަ އަށް މަރުވެގެން، ދެން ހަމަލާ ދިނީ އިލްހާމް އަހުމަދު އިބްރާހިމް ކިޔާ މީހެކެވެ. ޝަންގްރިއްލާ އަށް ދިން ހަމަލާގައި އެ ހޮޓަލުން 36 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 12 ބިދޭސީއަކު ހިމެނެ އެވެ.

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓުން ކޮލަމްބޯ ޖުޑިޝަލް މެޑިކަލް އޮފިސަރަށް އަންގާފައި ވަނީ ޒަހްރާންގެ އާއިލާ މީހުންގެ ލޭގެ ސާމްޕަލް ނަގައި ޑީއެންއޭ ހަދަން ގަވަރްމަންޓް އެނަލިސްޓަށް ފޮނުވަން އަންގައިފަ އެވެ. ޑީއެންއޭ ޓެސްޓް ހަދަން ކޯޓުގައި އެދިފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިންނެވެ. ބޮމުގެ ހަމަލާ ދިން މީހުންގެ ހަށިގަނޑުގެ ބައިތަކާއި އިސްތަށި ސީއައިޑީ އިން ވަނީ ކޯޓާ ހަވާލުކޮށްފަ އެވެ. ކޯޓުން ވަނީ މި މަހު 15 ގެ ކުރިން ޑީއެންއޭ ޓެސްޓް ހަދަން އަންގައިފަ އެވެ.

ގަވަރްމަންޓް އެނަލިސްޓް ޑިޕާޓްމަންޓުގެ އިސް އޮފިސަރަކު ވިދާޅުވީ ޑީއެންއޭ އިންވެސްޓިގޭޝަންގައި ވަނީ ޒަހްރާންގެ އަންހެނުންނާއި އަންހެން ދަރިފުޅު އަދި ދައްތަގެ ބަޔޮލޮޖިކަލް ސާމްޕަލް ނަގައިފައި ކަމަށެވެ. އެ އެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ޑީއެންއޭ ރިޕޯޓް ސީއައިޑީއާ މިއަދު ހަވާލު ކުރާނެ އެވެ.

ޝަންގްރިއްލާގެ އިތުރުން ސިނަމަން ގްރޭންޑް އާއި ބަޓިކަލޮއާގެ ޒިއޮން ޗާޗާއި ދެހިވަލައިގެ ޓްރޮޕިކަލް އިންގައި ދިން ހަމަލާގެ ރިޕޯޓް ވެސް ގަވަރްމަންޓް އެނަލިސްޓް ޑިޕާޓްމަންޓުން ސީއައިޑީއާ ހަވާލު ކުރާނެ އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އެޕްރީލް 21 ވަނަ ދުވަހު އަމިއްލަ އަށް މަރުވުމުގެ ހަމަލާ ދީފައި ވަނީ ނުވަ މީހެކެވެ. ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ.