އެމްބާޕޭ ކްލަބުގައި މަޑުކުރާނެ: ޕީއެސްޖީ
އެމްބާޕޭ ކްލަބުގައި މަޑުކުރާނެ: ޕީއެސްޖީ

ޕެރިސް (މެއި 21) – ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އަންނަ ސީޒަނުގައި ވެސް ކްލަބުގައި މަޑުކުރާނެ ކަމަށް ފްރާންސްގެ ޗެމްޕިއަންސް ޕީއެސްޖީން ބުނެފި އެވެ.

އެ ކްލަބުން އެހެން ބުނީ، ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރަތެއް އެމްބާޕޭ ދީފައިވަނިކޮށެވެ. ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ފަހު އެމްބާޕޭ ބުނީ މި ލިބޭ ކުރިއެރުންތަކާ އެކު، ޕީއެސްޖީގައި ވިޔަސް ނުވަތަ އެނޫން ޓީމެއްގައި ވިޔަސް އިތުރު ޒިންމާތަކެއް ނަގަން އެބަޖެހޭ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތްކޮށް ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ދެ ސީޒަނުގައި އެމްޕާބޭ އާއި ޕީއެސްޖީއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ގުޅުން ކުރިއަށްދާނެ ކަމަށެވެ.

އެމްބާޕޭ ގެންދަން އެންމެ ބޭނުންވަނީ އަދި އޭނާ ދާން ބޭނުންވަނީ ވެސް ސްޕެއިނުގެ ރެއާލް މެޑްރިޑަށެވެ. ޕީއެސްޖީގެ ކުރީގެ ކޯޗު އުނައި އެމެރީ ބުނީ މިދިޔަ ސީޒަނުގައި ވެސް މެޑްރިޑަށް ސޮއިކުރަން އެމްބާޕޭ ބޭނުންވި ކަމަށާއި އެކަމަކު ޕީއެސްޖީން އޭނާ މަޑުކުރުވީ ކަމަށެވެ.

ޕީއެސްޖީން ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ބުނެ އެ ޓީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ޔުއެފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. ޕީއެސްޖީގެ މައްޗަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެ ކްލަބްގެ ހަރަދުތައް އޮންނަ އުސޫލުގެ ތެރެއިން ފެއްތުމަށް އެމްބާޕޭ ނޫނީ ނޭމާ ވިއްކާލަން ޖެހުމުގެ ބިރު އެ ޓީމަށް އެބައޮތެވެ. އެ ފުރުސަތުގެ ފައިދާނަގައި ރެއާލުން އެމްބާޕޭ ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.