ސާރީގެ ބަދަލުގައި ޗެލްސީ އަށް އަންހެން ކޯޗެއް؟
ސާރީގެ ބަދަލުގައި ޗެލްސީ އަށް އަންހެން ކޯޗެއް؟

ލަންޑަން (މެއި 21) - ޗެލްސީގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް ހަވާލުވާން އިންޓަވިއުކުރާ ލިސްޓުގައި ޗެލްސީގެ އަންހެން ޓީމުގެ ކޯޗު އެމާ ހޭމްސްގެ ނަން ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސާރީގެ ކޯޗުކަމުގައި މި ސީޒަނުގައި ޗެލްސީން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ. އަދި މި ފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު، އެ މުބާރާތުގެ ފައިނަލުގައި މި މަހު 29 ވަނަ ދުވަހު ބައްދަލުކުރާނީ އާސެނަލާ އެވެ.

ޗެލްސީގެ ކޯޗު ކަމުން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ވަކިކޮށް މިދިޔަ އަހަރު ސާރީއާ މަގާމު ހަވާލުކުރުމުން ސީޒަނުގެ ފުރަތަމަ މެޗުތަކުގައި އެ ޓީމުން ނެރުނު ނަތީޖާތަކުން ބެލެވުނީ ޗެލްސީ މި ފަހަރުގެ ލީގަށް ވާދަކުރާނެ ކަމަށެވެ. އެކަމަކު ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެ، ލީގުގެ ރޭހުން ޗެލްސީ ބޭރުވިއިރު، ކްލަބްގެ ބައެއް ބޯޑު މެމްބަރުންގެ އިތުބާރު ސާރީ އަށް އޮތީ ގެއްލިފަ އެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސާރީ ވަނީ ޔޫރޮޕާ ލީގު ކާމިޔާބު ކުރި ނަމަވެސް އޭނާ އަށް ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެފަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީގެ ކޯޗަކަށްވުމަށް އެ ޓީމުގެ ކުރީގެ ތަރި އަދި މިހާރު ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑަށް ހުށަހެޅުމުން އޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ.

މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޗެލްސީގެ ބައެއް ބޯޑު މެމްބަރުން މިހާރު ހުށަހަޅާފައިވާ އަނެއް ނަމަކީ 2012 ވަނަ އަހަރުން ފެށިގެން ޗެލްސީގެ އަންހެން ޓީމަށް އިރުޝާދު ދެމުން އަންނަ ކޯޗު އެމާ އެވެ.

ޗެލްސީ އަންހެން ޓީމަށް ގިނަ ކުރިއެރުންތައް ހޯދައިދިން އެމާ ވަނީ މި ސީޒަނުގައި އެ ޓީމު ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. އަދި އިނގިރޭސި އެފްއޭގެ ވިމެންސް ސުޕަ ލީގުގައި ޗެލްސީން ނިންމާލީ ތިން ވަނައިގަ އެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޗެލްސީގެ ކޯޗުކަމާ ބެހޭގޮތުން މި މަހު 29 ވަނަ ދުވަހު އޮންނަ ޔޫރޮޕާ ލީގު ފައިނަލަށް ފަހު ކޯޗުންނާ މަޝްވަރާކުރާއިރު، އެންމެ ފުރަތަމަ ބައްދަލުކުރާ ކޯޗުންގެ ތެރޭގައި އެމާ ހިމެނެ އެވެ. މީގެ ކުރިން އާސެނަލްގެ އަންހެން ޓީމަށް ވެސް ކޯޗުކޮށްދިން އުމުރުން 42 އަހަރުގެ އެމާ އަށް އިނގިރޭސި ގައުމީ އަންހެން ޓީމުގެ ކޯޗުކަން ވެސް ހުށަހަޅާފާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.