21 މެއި 2019 - 11:39

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތިގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތުއްތު އަންހެން ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވޭތޯ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިނިސްޓްރީއަށް އަދި މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ގޮތުގައި އެ ކުއްޖާ މަރުވީ ހިތަދޫ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގަ އެވެ. ނަމަވެސް ކުއްޖާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެންއައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އެރޭ 11:25 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހިތަދޫ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދުވަސްނުފުރާ ވިހެއި ކުއްޖާ މާލެއަށް ފޮނުވާލީ ނިއުނޭޓަލް ވެންޓިލޭޓަރެއް ނެތުމުގެ ސަބަބުންނެވެ. ބަރުދަނުގައި 1.5 ކިލޯ ހުރި އެ ކުއްޖާ ވިހެއިރު ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިގެން ވީހާ ވެސް އަވަހަކަށް މާލެ ފޮނުވާލުމަށް ރެފާކުރީ. އެހެންވެ ކުއްޖައާއެކު ޑޮކްޓަރަކާއި ނަރުހެއް ވީހާ ވެސް އަވަހަކަށް ފޮނުވާލީ،" އޮފިޝަލް ވިދާޅުވި އެވެ.
ތުއްތު ކުއްޖާ އަށް އެންމެ ފުރަތަމަ ފަރުވާ ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހާއްސަ ބައެއް ބަލިތަކުގެ ޑޮކްޓަރުން ނެތުމާއި މުހިންމު އެހެން ބައެއް ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ބޮޑެވެ.