21 މެއި 2019 - 10:41

ބަންގްލަދޭޝްގެ މަހުގެ ސްޓޮކް މަދުވަމުންދާތީ، މަސްވެރިކަން ކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ މަސްވެރިކަން މަނާކުރީ މި މަހުގެ 20 އިން ޖުލައި މަހުގެ 23 އަށް ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ބަންގާޅުގެ ކަނޑާއި ފަޅުތަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް އެއްވެސް ކަހަލަ އުޅަނދެއްގައި ކުރުން ވަނީ މަނާކޮށްފަ އެވެ.
ފިޝަރީޒް އެންޑް ލައިވްސްޓޮކް މިނިސްޓަރު އަޝްރަފު އަލީ ހާން ހަސްރޫ ޑާކާ ޓްރިބިއުން އަށް ވިދާޅުވީ މަހުގެ ސްޓޮކް ބަންގާޅުގައި ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ. އެހެންވެ މި ވަގުތު މަސްވެރިކަން ކުރުން މެދުކަނޑާލައި މަސް އާލާވުމަށް ވަގުތު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރަން ބޭނުން ނަމަ އެބަ ޖެހޭ މިކަހަލަ ފިޔަވަޅުތަކެއް އަޅަން،" އޭނާ ވިދާޅުވި އެވެ. "އެހެން ނޫން ނަމަ ކުރިމަގުގައި ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި 65 ދުވަހަށް މަސްވެރިކަން މަނާކޮށްފައިވާތީ އެ އުސޫލު ތަންފީޒު ކުރަން ބަންގްލަދޭޝްގެ ކޯސްޓް ގާޑާއި ނޭވީ ބޭ އޮފް ބެންގާލް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެ އެވެ.
މީގެ ކުރިން ވެސް ބަންގްލަދޭޝްގައި އެކި ފަހަރު މަތިން، ކޮމާޝަލް ފިޝިން ކުރު މުއްދަތަކަށް މަނާކޮށްފައިވެ އެވެ. އެކަމަކު މިއީ މިއީ މިހާ ދިގު މުއްދަތަކަށް މަސްވެރިކަން މަނާކުރި ފުރަތަމަ ފަހަރެވެ.
އަދި މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި 20 އިން ޖުލައި 23 އަކީ މަސްވެރިކަން ކުރުން މަނާ ދުވަސްވަރެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ބަންގްލަދޭޝްގައި އެންމެ ފުޅާކޮށް ކުރަނީ ހިލްސާގެ މަސްވެރިކަމެވެ. ދުނިޔޭގައި ބާނާ އެ ބާވަތުގެ 60 ޕަސަންޓް މަސް ހިއްސާ ކުރަނީ އެ ގައުމުންނެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝްގެ މަސްވެރިިންނާއި އެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން މިހާރު އަންނަނީ އެ އުސޫލު އަލުން މުރާޖައާ ކުރަން ބޮޑުވަޒީރު ޝެއިހް ހަސީނާ އަށް ގޮވައިލަމުންނެވެ.