ހައި ކޯޓު ފަނޑިޔާރު ކަމަށް މިފަހަރު އަށް ބޭފުޅަކު ކުރިމަތިލައްވައިފި
ހައި ކޯޓު ފަނޑިޔާރު ކަމަށް މިފަހަރު އަށް ބޭފުޅަކު ކުރިމަތިލައްވައިފި

ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމުން އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލާން ކުރިން ހުޅުވާލި ފުރުސަތުގައި އެ ދެ މަގާމަށް ކުރިމަތިލެއްވީ އެންމެ ދެ ބޭފުޅުންނެވެ. އެހެންވެ އެ އިއުލާންކޮށް ބާތިލްކޮށް، އަލުން ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އަށް ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.

ހައި ކޯޓު ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނު ނުވަތަ އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު އުމުރުން 25 އަހަރުވެ އަދި ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުމެވެ.

ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.

ހައި ކޯޓު ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 54،000ރ. އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.