22 މެއި 2019 - 08:33

ސަލްމާން ހާނާއި އާލިއާ ބަޓާ އެކު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ ފިލްމު "އިންޝާﷲ" ގެ ތިއޭޓްރިކަލް ރައިޓްސް ރެކޯޑް އަގަކަށް ވިއްކާލައިފި އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެ ފިލްމުގެ ތިއޭޓްރިކަލް ރައިޓްސް ވިއްކައިލީ މިހާތަނަށް ބޮލީވުޑްގެ ފިލްމެއްގެ ރައިޓްސް ވިއްކައިލި އެންމެ ބޮޑު އަގަށް ކަަމަށެވެ. އެއީ 250 ކްރޯޑް ރުޕީސް (35,828,750 ޑޮލަރު) އެވެ. އެ އަގުގައި ފިލްމު ތިއޭޓްރިކަލް ރައިޓްސް ވިއްކައިލީ އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުގައި ފިލްމު ދައްކާ ގޮތަށެވެ.
ނަމަވެސް ރައިޓްސް ވިއްކައިލި ކުންފުނީގެ ނަމެއް ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން "އިންޝާﷲ" ގެ މިއުޒިކް ރައިޓްސް ވަނީ ސާރޭގާމާ އަށް 30 ކްރޯޑް ރުޕީސް (4,300,800 ޑޮލަރު) އަށް ވިއްކާލައިފަ އެވެ. މިއީ ހިންދީ ފިލްމެއްގެ މިއުޒިކް ރައިޓްސް މިހާތަނަށް ވިއްކައިލި އެންމެ ބޮޑު އަގު ވެސް މެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުވާމަތު" އަށް ފަހު ބަންސާލީ ގެނެސްދޭ "އިންޝާﷲ" އަކީ އުމުރުގައި ބޮޑު ތަފާތެއް ހުންނަ ނުފޫޒު ގަދަ ވިޔަފާރިވެރިޔަކާއި ޒުވާން ބަތަލާއެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅުގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، "އިންޝާﷲ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
މި ފިލްމުވެގެން ދާނީ ސަލްމާނާއި އާލިއާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.