21 މެއި 2019 - 00:31
އަމިއްލަ ދިރިއުޅުމަށް އިތުރަށް ވަގުތު ދިނުމަށް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އަމީން އާއްމުގެ ނައިބުގެ މަގާމުން އާމިނަތު ލަޔާލް މަނިކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މި ނިންމެވުމާ އެކު ލަޔާލް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެންގުޅުއްވި އެކައުންޓުތައް ވެސް ޑިއެކްޓިވޭޓް ކުރައްވައިފަ އެވެ.
ސަންގު ޓީވީ އާއި ޗެނަލް 13ގައި ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ލަޔާލް، އިސްތިއުފާގެ ސިޓީއާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އާއްމުންގެ ފަރާތުން އޭނާ އަށް ލިބުނު ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރައްވާ ކަމަށް ސިޓީގައި ވެ އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީގައި ލަޔާލް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ހުރި ގޮތުންނާއި އަމިއްލަ ގިނަ ސަބަބުތަކާ ގުޅިގެން ޕީޕީއެމްގައި އަދާކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކުން ބަރިއަވާން ޖެހޭކަން ބަރު ހިތަކާ އެކު ދަންނަވާ ކަމަށެވެ.
"އާއިލީ ޒިންމާ އިތުރަށް އަދާކުރުމާއި ސިޔާސީ ކަންކަމާއި ދުރަށް ޖެހިލުމަށް ބޭނުންވާތީ އެ ގޮތަށް ނިންމާފައިވާ ވާހަކަ ފާހަގަކުރަމެވެ،" ލަޔާލްގެ ސިޓީގައި ވެ އެވެ.
ޔާމީންގެ ދަށުން ޕީޕީއެމްގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާވެފައިވާކަން ލަޔާލް ފާހަގަކުރައްވަ އެވެ. އަދި ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތަސް ލިބިވަޑައިގެންނެވި ތަޖުރިބާ އަކީ އެކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާނެ ކަމެއް ކަމަށް ލަޔާލް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މި ނިންމުމާ އެކު ޕާޓީގެ އަމީން އާއްމުގެ ނައިބުގެ މަގާމުން ވަކިކޮށްދިނުމަށް އެދެމެވެ،" ލަޔާލް ވިދާޅުވި އެވެ.
މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަތިވެރި ދާއިރާގެ ޕީޕީއެމްގެ ޓިކެޓު ވެސް ލަޔާލަށް ދިނެވެ. ނަމަވެސް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް ފަހު ވަގުތު ޕީޕީއެމުން އޭނާގެ ޓިކެޓު އަތުލި އެވެ.