20 މެއި 2019 - 21:07

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެދިވަޑައިގެންފި އެވެ.
އެ ގައުމުގެ ފޮރިން މިނިސްޓަރު ތިލަކް މަރަޕަނާއާ ފޯނުން ގުޅުއްވައި ޝާހިދު ވަނީ އެ ގައުމުގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާއި ލަންކާގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އޭގެ އިތުރުން ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އަށް، ސްރީ ލަންކާގެ މަގުން ދިވެހިން ދާ ކަމަށް ލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލަންކާއިން ވަނީ އެ ގައުމުގައި އުޅޭ ދިވެހީންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި އޭގެ ފަހުން މުސްލިމުންނާ ދެކޮޅު ހަރަކާތްތައް އިތުރުވެ މީހުންނަށާއި މުދަލަށް ގެއްލުން ދިނުން ވަނީ އާންމުވެފަ އެވެ.
އެތައް ސަތޭކަ ބަޔަކު މަރުވި ހަމަލާތަކާ ގުޅިގެން ލަންކާގަައި ހިންގި އެކި އޮޕަރޭޝަންތަކުގައި ދިވެހީންގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު އަދި ވެސް ތިބީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޝާހިދު ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅިގެން ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.