ބިދޭސީންގެ އަގުވަޒަންކުރަން  އުރީދޫން ރޯދަވީއްލުމެއް
ބިދޭސީންގެ އަގުވަޒަންކުރަން އުރީދޫން ރޯދަވީއްލުމެއް

ބިދޭސީ މަސައްކަތްތެރިންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އުރީދޫން އިސް ނަގައިގެން ރޯދަ ވީއްލުމެއް ދީފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބިދޭސީންނަށް ދިން ރޯދަވީއްލުމަކީ އުރީދޫ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ދީފައިވާ ރޯދަވީއްލުމެކެވެ.

އުރީދޫން ބުނި ގޮތުގައި މިއީ އެ ކުންފުނިން މިގޮތަށް ބިދޭސީންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުމެއް ބާއްވާ ދެވަނަ އަހަރެވެ.

އުރީދޫން ބޭއްވި ރޯދަ ވީއްލުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވެވަޑައިގެން އެ ހަފުލާގައި ބައިވެރިވި މީހުންނާ މުޚާތަބު ކޮށް ވާހަކަ ދެއްކެވި އެވެ. އެގޮތުން މޭޔަރު ޝިފާ ވަނީ ބިދޭސީންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުމެއް ބޭއްވީތީ އުރީދޫއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ ހަފުލާގައި އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނިން އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބިދޭސީން މި ގައުމަށް ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވެ އެކަންތައްތައް ބަލައިގަންނަ ކަން އެ ފަރާތްތަކަށް ހާމަކޮށްދިނުން ކަމަށެވެ.

ރޯދަވީއްލުމުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ހަރަކާތްތައް ވެސް ވަނީ ދައްކާލާފައެވެ.