20 މެއި 2019 - 17:17

މަޝްރޫއުތައް ހިންގަން މަސަައްކަތު މީހުންގެ ގޮތުގައި ބިދޭސީން ގެނައުމަށް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް ބެލެވުނު 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން ބުނީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވުނު ކުންފުނިތަކުގެ މައްސަލަ ދިރާސާކޮށް، ފުލުހުންނަށް ހުށަހެޅި 24 ކުންފުނީގެ ވެރިންނާއި މި ކަންކަމުގައި ބައިވެރިވާ އާންމު ފަރުދުންގެ މައުލޫމާތު ވެސް ފުލުހުންނަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ނަމަވެސް ކުންފުނިތަކުގެ މައުލޫމާތެއް އިމިގްރޭޝަނުން އާންމެއް ނުކުރެ އެވެ.
"މި މައްސަލަތަކުގެ ތަހުގީގު ނިމެންދެން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި މި މައްސަލަތަކާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް، އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ ބިދޭސީންނާ ގުޅުން ހުރި އެންމެހާ ހިދުމަތްތަކެއް ވާނީ މެދުކަނޑާލައިފަ އެވެ." އިމިގްރޭޝަނުން އާންމުކުރި ބަޔާނެއްގައި ބުންޏެވެ.
ބިދޭސީންނާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތުގައި، އިމިގްރޭޝަނުން މިހާރު ވަނީ ޝައްކުކުރެވޭ ކުންފުނިތަކުގެ މައުލޫމާތު އިކޮނޮމިކް މިިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިއުންތައް ނެތް 63،000 މީހުން އުޅޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށާއި އެކަމަކު އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އަދި އޮޅުވާލައިގެން އެތެރެކޮށްފައިވާ ބިދޭސީންގެ މައްސަލަތައް ވެސް ގިނަކަން ފާހަގަކޮށްފައިވެ އެވެ.