20 މެއި 2019 - 14:44

ރިޔާޒް (މެއި 20) - އީރާނާ އެއްވެސް ބަޔަކު ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ސައުދީ ރަސްގެފާން ސަލްމާން ވަނީ ގަލްފުގެ ގައުމުތަކުގެ ވެރިންނާއި އަރަބި ލީގުގެ މެންބަރުންގެ ކުއްލި ބައްދަލުވުމެއް މި މަހު 30 ވަނަ ދުވަހު މައްކާގައި ބޭއްވުމަށް ދައުވަތު ދެއްވައިފަ އެވެ. މަޝްވަރާ އަށް ރަސްގެފާން ގޮވާލައްވާފައި މި ވަނީ ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް ގަލްފުގައި ހަމަލާދީފައި ވަނިކޮށެވެ. ސައުދީން ތުހުމަތު ކުރަނީ އެ ހަމަލާ ދިނީ އީރާނުން ކަމަށެވެ.
ގަލްފުގެ މަސްރަހު ހޫނުވަމުންދާ އިރު އެމެރިކާ އިން ވަނީ ހަނގުރާމަ މަތީ މަނަވަރާއި ބޮން އަޅާ ބޯޓު ފަހަރު ގަލްފަށް ފޮނުވައިފަ އެވެ.
ސައުދީގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވީ އީރާނާ އެކު ހަނގުރާމައަކަށް ދާން ބޭނުން ނުވާ ކަމަށާއި ހަނގުރާމައެއް ފެށުނު ނުދިނުމަށް ސައުދީން މަސައްކަތް ކުރާނެ ކަމަށެވެ.
"ސައުދީން ހަނގުރާމައެއް ބޭނުމެއް ނުވޭ. ހަނގުރާމައަކަށް މަގުފަހިވިޔަކަ ވެސް ނުދޭނެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އޭގެ އަނެއް ކޮޅު ވެސް އޮންނާނެ. ސައުދީ އަށް ހަމަލާދީފި ނަމަ ފުރިހަމަ ބާރާ އެކު ދިފާއު ކުރާނެ."
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުން ހަމަލާދީފި ނަމަ އެއީ އެ ގައުމުގެ ނިމުން ކަމަށެވެ.