ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން
ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން

މިދިޔަ ހަފުތާގެ ބުދަ ދުވަހު 18 އަހަރު ފުރުނު މައިކަލް ވަޓްސަން އަކީ ފަލަކަމުން ސްކޫލް ތެރޭގައި ވަރަށް ބޮޑަށް ބުލީއާ ކުރިމަތިލާން ޖެހުނު ޒުވާނެކެވެ. އިސްކޮޅުގައި 6 ފޫޓް 4 އިންޗި ހުންނަ މި ޒުވާނާގެ ސިފަ ހުތުރުކަމުން އަންހެން ކުއްޖަކު ވެސް އޭނާއާ ވާހަކައެއް ނުދައްކަ އެވެ.

ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން
ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން

ބަރުދަނުގައި 152 ކިލޯ ހުރި މައިކަލް އަކީ އޭނާގެ ފަލަކަމާ ހުރެ ވަރަށް ގިނަ ހިތްދަތި ކަންތައްތަކާ މީގެ ދެ އަހަރު ކުރިއާ ހަމައަށް ވެސް ކުރިމަތިލާން ޖެހުނު މީހެކެވެ. އެކަމަކު އޭނާ މިހާރު ވަނީ ދިރިއުޅުން މުޅިން ބަދަލުކޮށްލައިފަ އެވެ. އެކަން ކުރީ ހިނގައިގެންނެވެ. ބަރުދަން ލުއިކުރަން ހިތްވަރު ލާފައި ފޫހި ކަމެއް ނެތި، މައިކަލް ވަނީ ހިނގައިގެން 53 ކިލޯ ލުއިކޮށްލައިފަ އެވެ.

ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން
ހިކުނީ ބުލީކުރާތީ ލިބުނު ހިތްވަރުން

"އަހަރެން މައިގަނޑު ކަމަކަށް ކުރިހާ ވެސް ކަމަކީ ހިނގުން. ސްކޫލަށް ދިއުމާއި އެނބުރި ގެއަށް ދިއުން މުޅިން ވެސް ބަދަލުކޮށްލީ ހިނގާފައި އުޅޭ ވަގުތަކަށް،" ކުރިން ބަހުގައި ސްކޫލަށް ދިޔަ މައިކަލް ބުންޏެވެ.

މި މަހުގެ ފަހުކޮޅު މެކެންލީ ހައި ސްކޫލުން ގްރެޖްއޭޓްވާ ޒުވާނާ ބުނި ގޮތުގައި ގެއިން ސްކޫލަށް އަދި ސްކޫލުން ގެއަށް ދާން އާންމުކޮށް ނަގާނީ 40 މިނެޓެވެ. މާނައަކީ ކޮޅަކަށް 20 މިނެޓެވެ.

"ހިނގާފައި ސްކޫލަށް ދާން އާދަވި ހިސާބުން ހޫނު ދުވަހެއް ވިއްސާރަ ނުވަތަ ސްނޯ ފައިބާ ދުވަހަކަށް އަހަރެން ނުބަލަން. ހަމަ މުޅިން ވެސް ހިނގާފައި ދަނީ،" މައިކަލް ބުންޏެވެ. "ވިއްސާރަ ދުވަސް ދުވަހު ކޯޓް ލައިގެން ހިނގާފައި ދާތަން ފެނުނީމަ ބައެއް މީހުން އުޅޭނެ ހުއްޓުވާފައި ލިފްޓެއް ދޭން ވެސް. އެކަމަކު އަހަރެން ހަމަ ހިނގާފައި އުޅެނީ."

ބަރުދަން ލުއި ކުރި މަސައްކަތުގެ ތެރެއިން މައިކަލް ވަނީ ކުރިން އޭނާ ގެންގުޅުނު ކެއުމުގެ އާދައާ ވެސް ދުރުވެ. އެކަމުގައި ޑިސިޕްލިންވެފަ އެވެ.

"ކުރިން ހަމަ ތަނެއްދޮރެއް ނުބަލައި ލިބުނު ކޮންމެ އެއްޗެއް ކާލާ މީހެއް އަހަންނަކީ. އެކަމަކު ކެއުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ވަކި ޑައިޓަކަށް މިހާރު އުޅެނީ،" މައިކަލް ބުންޏެވެ. "އަހަރެން ކުރިން ފާސްޓް ފުޑް ރެސްޓޯރަންޓެއްގައި ޕާޓް ޓައިމްކޮށް ވަޒީފާއެއް ވެސް އަދާކުރިން. ރަނގަޅު ޑައިޓެއް ފޮލޯކުރަން އެނގުނީ އެތަނުން ދަސްވި އެއްޗެހިން."

އޭނާ ބުނި ގޮތުގައި ހިނގަން ފެށި ނަމަވެސް ބޭނުންވާ ނަތީޖާއާ ހަމައަށް ދެވުނީ ލައްކަ ހިތްވަރުކޮށްގެންނެވެ. އަދި އެއީ އަޒުމެއް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ބުންޏެވެ.

"ފުރަތަމަކޮޅު ވަރަށް އުނދަގޫ ކަމަކަށްވީ. އެކަމަކު ފަލަކަމުން އަހަންނަށް ކުރިމަތިލާން ޖެހުނު ކަންތައްތައް އަބަދު ހުންނާތީ ހިތްވަރު ދޫކޮށް ނުލައި ހަމަ ކުރިއަށް ދާން ބޭނުންވީ،" މައިކަލް ބުންޏެވެ.

މިހާރު މައިކަލް ފެންނަނީ ވަރަށް ފިޓްކޮށެވެ.

"މިހާރު އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވެސް ބޮޑުވެ، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ވެސް ވަރަށް ބޮޑަށް އިތުރުވެއްޖެ." އޭނާ ބުންޏެވެ. "ކުރިން އަހަރެންގެ ކޮންފިޑެންސް ލެވެލްއަކީ ސުމެއް."

މައިކަލް ހިކެން ކުރި މަސައްކަތް މެކެންލީ ސްކޫލުން ވެސް ބަލައި ގަނެ، އެހެން ދަރިވަރުންނަށް ނަމޫނާއަކަށް އަންނަނީ ދައްކަމުންނެވެ.

މިދިޔަ އަހަރު ޑްރާމާ ކޯހެއްގައި ވެސް ބައިވެރި މައިކަލް ބުނީ އޭނާގެ ހުވަފެނަކީ އެކްޓަރަކަށްވުން ކަމަށެވެ.