20 މެއި 2019 - 13:06

ކޮލަމްބޯ (މެއި 20) - އީސްޓާ ބޮމުގެ ހަމަލާ ދިން ފަދަ ޖިހާދީ ހަނގުރާމަވެރިންގެ ބިރުން ގައުމު ސަލާމަތްކޮށްދޭނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަ ކުރަން ކޮލްމަބޯގައި ބޭއްވި ރަސްމިއްޔާތުގައި ސިރިސޭނާ ވިދާޅުވީ ތަމަޅަ ޓައިގަރުން ބަލިކޮށްލަން ލަންކާ ސިފައިން ބޭނުންކުރި ތަޖްރިބާ އާއި ޖާސޫސީ މައުލޫމާތު، ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ބަލިކުރަން ބޭނުން ކުރާނެ ކަމަށެވެ.
އެޕްރީލް 21 ވަނަ ދުވަހު ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވުމުގެ ޒިންމާ ސަރުކާރުން އަޅުވާފައި ވަނީ އެ ގައުމުގެ ޖިހާދީ ގްރޫޕެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ. ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
"ގާތްގަނޑަކަށް 30 އަހަރަށް ދެމިގެން ދިޔަ ހަނގުރާމަ އިން ލިބުނު ތަޖްރިބާ އަށް ފަހު މިހާރު މި ވަނީ އެހެން ބިރަކާ ކުރިމަތިލާން ޖެހިފައި،" ސިރިސޭނާ ވިދާޅުވި އެވެ. "އީސްޓާ ބޮމުގެ ހަމަލާއާ ގުޅުން ހުރި އެންމެން މިހާރު ވާނީ ހައްޔަރުކޮށްފައި. ދެން ތިބި އެންމެން ވަނީ ހަމަލާތަކުގައި މަރުވެފައި."
ސިރިސޭނާ ވިދާޅުވީ އެކަންކަމުން އެމަނިކުފާނަށް ހިތްވަރު ލިބެނީ ޓެރަރިޒަމްގެ ބިރުން ގައުމު މުޅިން ސަލާމަތްވާނެ ކަމަށެވެ.
ސިފައިންގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވީ ހަނގުރާމައިގައި 28،000 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި މެއި 19، 2009 ގައި ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު މަރުވި އެންމެންގެ ހަނދާން އާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަނގުރާމައިގައި 5،000 ސިފައިންނާއި ފުލުހުން ގެއްލިފައިވާ ކަމަށް ވަނީ ލިސްޓްކޮށްފަ އެވެ. އަދި އިތުރު 16،000 މީހުން ގެއްލިފައިވާ ކަމަށް އަލަށް އުފެއްދި "މިސިން ޕާސަންސްގެ އޮފީހުން" ބުނެފައިވެ އެވެ.
ހަނގުރާމަ ނިމުނުތާ 10 އަހަރު ފުރުން ވަނީ 2.5 މިލިއަން ތަމަޅައިންގެ ކޮމިއުނިޓީން އިރުއުތުރުގެ މުއްލައިތިވޫގައި އާދިއްތަ ދުވަހު ބާއްވައިފަ އެވެ.