ކުރިއަށް އޮތް ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ: މެޓް
ކުރިއަށް އޮތް ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއީ ހުޅަނގު މޫސުން ފެށުމުގެ ކުރިން ކުރާ ވިއްސާރަ ކަމަށެވެ. އަދި މި ދުވަސްވަރު ލ. އަތޮޅާއި އައްޑުއާ ދެމެދުގެ ގިނަ ރަށްތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު އަންނަނީ ވިއްސާރަ ކުރަމުންނެވެ. އުތުރުގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ރޭ ޔެލޯ އެލާޓް ނެރުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ކަމަށް އެ އޮފިޝަލު މިއަދު ވިދާޅުވި އެވެ.

"ހުޅަނގު މޫސުން ފަށަން އުޅޭތީ މޫސުން ގޯސްވަމުން އަންނާނީ. ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖޭގެ ފިނިހޫނުމިން ދަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

"ހުޅަނގު މޫސުން ފެށުނު ކަމަށް އަޅުގަނޑުމެން ބުނަނީ ވައިގެ މިސްރާބު ހުޅަނގު ދެކުނަށް ބަދަލުވުމުން."

ދެކުނުގެ ގިނަ އަތޮޅުތަކަށް މެޓް އޮފީހުން މިއަދު ވެސް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި ފ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް މިއަދު މެންދުރު 3:30 އާ ހަމައަށް ބޯކޮށްވާރޭވެހި ގުގުރާނެ އެވެ.