ޕީއެސްޖީ ދޫކޮށްލަންޖެހިދާނެ ކަމަށް އެމްބާޕޭ ބުނެފި
ޕީއެސްޖީ ދޫކޮށްލަންޖެހިދާނެ ކަމަށް އެމްބާޕޭ ބުނެފި

ޕެރިސް (މެއި 20) - އާ ޗެލެންޖެއް ނެގުމުގެ ގޮތުން އަންނަ ސީޒަނުގައި ޕީއެސްޖީ ނޫން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

މީގެ ކުރިން އުމުރުން 20 އަހަރުގެ އެމްބާޕޭ މީޑިއާ އަށް ދިން އިންޓަވިއުތަކުގައި ބުނެފައިވަނީ އަންނަ އަހަރު ވެސް އޭނާ ފެންނާނީ ޕީއެސްޖީން ކަމަށާއި އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށެވެ. އެކަމަކު ފްރެންޗް ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މި ސީޒަނުގައި ހޯދި އެމްބާޕޭ ވަނީ މުސްތަގުބަލާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފަ އެވެ.

"މި އެވޯޑް ލިބުމަކީ އަހަރެންގެ ކެރިއަރުގައި އަނެއްކާ ވެސް ތަފާތު ހިސާބަކަށް ދެވުނުކަން އަންގައިދޭ ކަމެއް. މި ލިބޭ ކުރިއެރުންތަކާ އެކު އަހަރެން އެބަޖެހޭ އިތުރު ޒިންމާތަކެއް ނަގަން. ޕީއެސްޖީގައި ވިޔަސް އެ ނޫން ޓީމެއްގައި ވިޔަސް،" މިދިޔަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން މޮނާކޯ ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ބަދަލުވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީން ލޯން އެއްބަސްވުން މިދިޔަ އަހަރު ދާއިމީކުރިއިރު، އެމްބާޕޭ ހޯދަން އެހެން ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެއާލުގެ ކޯޗުކަމާ ޒިނެދިިން ޒިދާން އަލުން ހަވާލުވެ ޓީމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި އެމްބާޕޭ އަށް ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެމްބާޕޭ ބުނީ އޭނާގެ ހިތުގައި އޮތް ގޮތް ހާމަކުރުމަށް ރޭގެ އެވޯޑް ހަފްލާ އަކީ އެންމެ ރަނގަޅު ޕްލެޓްފޯމް ކަމުގައި ގަބޫލުކުރާ ކަމަށެވެ.

"އަހަންނަށް ފެނުނީ މި ފަދަ މާހައުލެއްގައޭ އެ ނިންމުން ހާމަކުރަން ރަނގަޅީ. އަހަރެންގެ ނިންމުމަކީ ޕީއެސްޖީގައި މަޑުކުރުން ކަމަށްވާނަމަ އެއީ ރަނގަޅު ކަމެއް. އެއީ އެހެން ޓީމެއް ނަމަ އެ ވެގެންދާނީ ރަނގަޅު ޗެލެންޖެއް ނަގަން ގުޅޭ ޓީމެއް ކަމަށް،" އެމްބާޕޭ ބުންޏެވެ.

މި ސީޒަނުގައި އެމްބާޕޭ އަންނަނީ ޔޫރަޕްގެ ރަން ބޫޓަށް ވެސް ވާދަކުރަމުންނެވެ. މި ވަގުތު އެ ރޭހުގައި މެސީ ރަނގަޅު ލީޑެއްގައި އޮތްއިރު، އެ އެވޯޑް ހާސިލްކުރާނަމަ ލީގުގެ ފަހު މެޗުގައި އެމްބާޕޭ ފަސް ގޯލު ޖަހަން ޖެހެ އެވެ. އެމްބާޕޭ ބުނީ މެސީ ފަދަ ކުޅުންތެރިއަކާ އެކު މި ފަދަ ރޭހެއްގައި އޮތުމަކީ ވެސް ފަހުރެއް ކަމަށެވެ.

"އަހަރެން މި ރޭހުގައި ބަލިވިޔަސް މި ވާދަކުރަނީ ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއާ. އެހެންވީމަ ކަންބޮޑުވުމެއް ނެތް. މި ރޭހުގައި އެންމެ ފަހު މެޗާ ހަމައަށް ދިއުމަކީ ވެސް އަހަރެން ދެކޭ ގޮތުގައި ފަހުރުވެރިވެވޭނެ ކަމެއް. މި ރޭސް ނިމޭނީ ފަހު މެޗުން،" އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީން ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދުތަކާ ހިލާފުވެފައިވާކަމަށް ބުނެ އެ ޓީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ޔުއެފާ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. ޕީއެސްޖީގެ މައްޗަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެ ކްލަބްގެ ހަރަދުތައް އޮންނަ އުސޫލުގެ ތެރެއިން ފެއްތުމަށް އެމްބާޕޭ ނޫނީ ނޭމާ ވިއްކާލަން ޖެހުމުގެ ބިރު އެ ޓީމަށް އެބައޮތެވެ. އެ ފުރުސަތުގެ ފައިދާނަގައި ރެއާލުން އެމްބާޕޭ ގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.