20 މެއި 2019 - 11:15

ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް އޭނާގެ ލޯބިވެރިޔާ ގެބްރިއެލް ޑިމެޓްރިއެޑްސްއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެ އެވެ.
ދެކުނު އެފްރިކާގެ ލޯބިވެރިޔާއާ އެކު އަރުޖުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ އަނަންތަރާ ވެލި ރިސޯޓްގަ އެވެ.
ދެ މީހުންގެ އިންސްޓަގްރާމްގައި ވަނީ ވެލި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އަރުޖުން އާއި ކުރީގެ މޮޑެލް މެހެރް ޖެސިއާގެ 20 އަހަރުވީ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ރޫޅައިލަ އިރު، އެ ކައިވެންޏަށް ލިބިފައިވާ ދެ އަންހެން ދަރިން މިހާރު ތިބީ ފުރާވަރަށް އަރައިފަ އެވެ. އެއީ 17 އަހަރުގެ މާހިކާ އާއި 13 އަހަރުގެ މީރާ ރާމްޕާލެވެ.
"ރާ.ވަން" އާއި "ރާޖްނީތީ" ފަދަ ފިލްމުތައް ކުޅުނު އަރުޖުން، 46، އެންމެ ފަހުން ފެނިފައި ވަނީ ޒީ5 އިން ސްޓްރީމް ކުރި ވެބް ސީރީޒް "ދަ ފައިނަލް ކޯލް" އިންނެވެ. އޭނާއަކީ ފިލްމުތަކުން މިހާރު އެހާ ރަނގަޅު ފުރުސަތުތައް ވެސް ލިބޭ އެކްޓަރެއް ނޫނެވެ.
އަރުޖުން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ހަނގުރާމަ ފިލްމު "ޕަލްޓާން" އެވެ.